މަޝްއޫރު ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ގާތިލުން ދެނެގަނެވިއްޖެ ކަމަށް ބުނެ ފުލުހުން އާންމު ރައްޔިތުންނަށް ދޮގު ހަދާފައިވާ ކަމަށް އެޗްއާރުސީއެމްގެ ކުރީގެ ނައިބް ރައީސް އަހުމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
ލިޔުންތެރިޔާ ޔާމީން ރަޝީދުގެ ގާތިލުން ދެނެގަނެވިއްޖެ ކަމަށާއި، އެ މީހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް ފުލުހުންގެ އިދާރާއިން އޭޕްރީލް 25 ގައި ވަނީ ބުނެފަ އެވެ. ނަމަވެސް ޔާމީންގެ ޤާތިލުންނަކީ ކޮބައިކަން ނޭނގޭކަމަށް ފުލުހުން ވަނީ ޔާމީންގެ އާއިލާއަށް އަންގައިފަ އެވެ.
Dear @PoliceMv you lied to the public. Because either you hadn't identified them then or you are lying now. Own up
— Ahmed Tholal (@Tholman_79) April 30, 2017
ފުލުހުންގެ ވާހަކަތައް ދިމާނުވާއިރު، މިކަމާ ގުޅޭގޮތުން ޓްރާންސްޕެރެންސީ މޯލްޑިވްސްގައިވެސް މިވަގުތު އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ތޮލާލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުންގެ އިދާރާއިން އާންމުންނަށް ދޮގު ހަދާފައިވާކަމަށެވެ. އެގޮތުން އޭރުގައި ފުލުހުންނަށް އެ މީހުން ދަނެގަނެފައިނުވުން ނުވަތަ އެކަމުގައި މިހާރު ދޮގު ހަދަމުން އަންނަކަމަށް ތޮލާލް ވިދާޅުވި އެވެ.
އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެފައިވަނީ، ޔާމީން ރަޝީދު މަރާލި މީހުން "ދަނެގަނެވިފައިވާ" ކަމަށެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޔާމީނަށް ހަމަލާ ދިނުމުގައި ބައިވެރި ކަމަށް ތުހުމަތުކުރާ ބައެއް މީހުންގެ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.