ރާއްޖޭގެ އާބާދީގެ އެންމެ ގިނަބަޔަކު އުފުލާ ބޮޑު އެއް ތަކުލީފަކީ ބޯހިޔާވަހި ކަމެވެ. ވަކިން ޚާއްސާކޮށް މާލެ ޞަރަޙައްދުގެ މުހުތާދު އެކަމަށް އޮތްވަރު އިންތިހާއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހްގެ ވެެރިކަމުން 2 އަހަރު ފާއިތުވީއެވެ. އޭގެ ތެރޭން 1 އަހަރު އެދިޔައީ ކޮވިޑް 19ގެ ބޮޑުތާށީގައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ރިޔާސީ ބަޔާން 2021 ވަނަ އަހަރަށް އިއްވަވައިފިއެވެ. އެބަޔާނުގައިވާ ގިނަ ކަންތައްތަކުގެ ތެރޭން މާލެ ޞަރަހައްދުގެ ބޯހިޔާވަހިކަމާގުޅޭ ބަޔަށް ނަޒަރު އަމާޒު ކޮއްލާނަމެވެ.
މާލެ ޞަރަހައްދަށް ރައީސް ޞޯލިހް އަމާޒު ކުރެއްވި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭން ފުރަތަމަ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވި އެވެ. 1 ހާހަކުން 2 ހާހަކުން މިކަން ނުނިމޭނެކަން ޚުދު ރައީސް ހުންނެވީ ދެނެވަޑައިގެންނެވެ. އެއާއެކު އާންމު ޖީބަށް ސަކޭގަވާ މިންވަރުގެ ބޯހިޔާވަހިކަން ބޭނުންވާ އެތައް ރައްޔިތުންނެއް ތިބިކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުން ސާފުވެގެން ދިޔައެވެ. ސަބަބަކީ އެފޯޑެބްލް ނުވަތަ އަތްފޯރާއަގުގެ އިތުރު 2000 ހައުސިން ޔުނިޓް ހުޅުމާލޭގައި ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފްތާގައި ސޮއި ކުރެވިއްޖެކަމަށާ އޭގެ ޢަމަލީ މަސައްކަތް ހަމަ މި މަސްތެރޭ ފެށޭނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.
ކޮވިޑް އަހަރާއެކު 2 އަހަރު ތެރޭ މުޅިން އަލަށް 3000 ހައުސިން ޔުނިޓް މާލެ ސަރަހައްދަށް އެކަނި ޔަގީންވިއިރު އިތުރު އެހެން ކަމެއްގެ ކަށަވަރުކަން ވެސް ރައީސް ދެއްވި އެވެ. އެއީ މިނިމުނީ ނޫންކަމާ އަދި ކުރިއަށް އޮތީކަމުގެ ކަށަވަރު ކަމެވެ. އެގޮތުން އަދި އިތުރު 2000 ހައުސިން ޔުނިޓާއެކު މުޅިން އައު ޖުމްލަ 5000 ހާސް ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަހަރު ތެރޭ މާލެ ޞަރަހައްދުގައި ހިންގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހިސާބުން ވެސް ނިންމަވާލެއްވީ އެއް ނޫނެވެ. އޭގެ ފަހަށް އޮތް މޮޅެއްގެ ވާހަކަވެސް ރައީސް ޞޯލިޙްގެ ވާހަކަފުޅުން މަންޒަރު ކުރެއްވި އެވެ. އެއީ މާލެ ސަރަޙައްދުގެ ރައްވެހިންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް މުޅިން އެހެން މަޝްރޫއެއް ފަރުމާ ކުރައްވާ ވާހަކަ އެވެ.
އަންނާން އޮތް ބޯހިޔާވަހިކަމަށް އެންމެ އައުލާ ހައްގު ރައްޔިތުންނަކީ ކޮބައިތޯ ދެނެގަންނަންވީ އެވެ. އެކަން ކުރަންވީ ބަޔަކީ ވަރުވަރުން ކައުންސިލް ގޮނޑިތަަކަށް ކުރިމަތިލައްވައިގެން ތިއްބެވި ކެންޑިޑޭޓުންނެވެ. ދޮރުން ދޮރަށް ހިންގަވާ ބައްލަވާ، މައުލޫމާތު އެއްކުރައްވާ ސަރުކާރަށް ފަސޭހަކޮށް ދެއްވަންވީ އެވެ.
ރާއްޖޭގައި ކަނޑުހުރަސްކޮށް މިހާތަނަށް ދެމޭ އެންމެ ދިގު ބްރިޖްގެ ޢަމަލީ މަސައްކަތް 6 މަހަށް ގާތްވެއްޖެކަން ވެސް ރައީސް ސޯލިހުގެ ވާހަކަފުޅުން އެނގުނެވެ. އެއްގަމު މަގުން ދެވެންޏާ ކުރިމަގު އޮތް ދިގަށް ދެމޭނެ ކިތަންމެ ޖާގައެއްވެސް އެބަ އޮތެވެ. ބޭނުންވަނީ ކެތްތެރިކަމާއި ވިސްނުންތެރިކަމާއި މަޑުމައިތިރިކަން އިސްކުރައްވާ އޯގާތެރި ވެރިއެކެވެ. ބަދަހި ރައްޔިތެކެވެ.