ދިވެހިންގެ ތެރޭގައި ވެސް ކޮވިޑްގެ ބަލިމަޑުކަން އިންތިހާއަށް އިތުރުވަމުން އަންނަ ދުވަސްކޮޅެކެވެ. އަބަދުވެސް ކޭސްތައް އިތުރުވެ އާންމުންގެ ކަންބޮޑުވުމާއެކު ސިއްހީ ދާއިރާގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާ މަސައްކަތްތެރީންގެ ކަންބޮޑުވުން އިންތިހާއަށް ހުރެއެވެ. ނަމަވެސް މިކަމަށް ބަޔަކު މީހުންގެ ފަރުވާލެއް ނެތެވެ. ފެންނަނީ ކޭސްތައް އިތުރުވާ ވަރަކަށް މާލޭގެ އެކި ހިސާބުތަކަށް ބަޔަކު މީހުން ނުކުމެ އިތުރަށް ނިކަމެތި އާންމު މީހާ ބިރުގަންނަވާލާ މަންޒަރެވެ.
ވައިރަސް ފެތުރޭ މިންވަރު އިތުރުވާ ކޮންމެ ފަހަރަކީ މިވެރިން މަގުމައްޗަށް ނުކުންނަ ފަހަރުކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. އަސްލު ހަގީގަތަކީވެސް އެއީއެވެ. ވައިރަހެއްހެން މާލޭގެ މަގުތަކަށް ނުކުމެ މުޅި ހަވަޔާއި ފަޒާގައި އެ ހިއްޕާލައެވެ. އެ ހިސާބުން ކޭސްތައް އިތުރުވެސް ވެއެވެ. ނިކުންނަކީ މަނީލޯންޑަރ ކުރި ވެރިކަޔަކު ސަލާމަތް ކުރުމަށެވެ. ނިކުންނަ މަގްސަދު ހާސިލުނުވެ ތޮއްޖެހިފައިވާ މާލެވެސް ފުރާލައެވެ. ޕޮޒިޓިވް ކޭސްތައް އިންތިހާއަށް އިތުރުކޮށްލައެވެ. ފިޔާތޮށި ކުލައިގެ ކްލަސްޓަރއެއްގެ ގޮތަށެވެ.
ސިއްހީ ތަޖްރިބާކާރުންނާއި ސައިންސްވެރިން ބުނެ އުޅެއެވެ. ވައިރަސް އޭގެ ޒާތުގައި ފަރުވާއެއް ނެތިއްޔާ ކޮންމެ ސިފައެއްގައި ވެސް މިއުޓޭޓް ވެދާނެއެވެ. އިދިކޮޅުން މަގުމައްޗަށް ނުކުންނަ ކަންތަކާއި މިކަމާއި ގުޅުވާލެވޭ ސަބަބުތަކެއް އެބަހުއްޓެވެ. ފަރުވާއެއް ނުލިބި ކޮވިޑްގެ ބަލިމަޑުކަމުގައި މިވެރިން އެކި ނަންނަމުގައި ނުކުމެ އުޅުނެވެ. ވެރިޔަކު މިނިވަން ކުރުމަށެވެ. ދެން އިންތިހާބެއްގެ ތާރީހެއް ދީފައި އޮއްވާ އެ އަވަސް ކުރުމަށެވެ. ދެން ނުކުތީ މިވެރިންގެ ފަރުވާއާއި ދެކޮޅަށެވެ.
ހައެއްކަ މީހުން ނުކުމެ މިހެން ގޮވަގޮވާ ތިއްބާ އެއްކަލަ ފަރުވާ ރާއްޖެ އަތުވެއްޖެއެވެ. ވެކްސިނަކާއި ދެކޮޅަށް ވައިރަސްތައް ހަޅޭއްލެވުން ވެސް ހުއްޓިއްޖެއެވެ. އެންމެ ފަހުން ވެކްސިން ޖަހަން ފެށުމުން ވައިރަސް މަގުމަތިން ފިލާ ގޮސްފިއެވެ. މުސްކުޅިން ބުނެއުޅެއެވެ. ވައްވައްޖަހާ ކުއްތާ ދަތެއް ނާޅާނެއެވެ. ވީވެސް އެހެނެވެ. ނިކަން މޮޅު ސައިންސްވެރިންނާއި، ހިސާބުގެ އިލްމުގެ ބޭފުޅުންނާއި، ތިމާވެށީގެ މާހިރުން ނުކުތެވެ. ކަރުތެރެއިން ލޭގެ ރަހަދޭ ވަރަށް ހަޅޭއްލެވިއެވެ. ވެކްސިން ލިބެން ފެށުމާއެކު އެ އަޑު ކެނޑިއްޖެއެވެ. ދަތެއް ވެސް ނޭޅިއެވެ.
މިވެރިންގެ އެންޓިބޮޑީސްއަކަށް ވެގެން ދިޔައީ ދައުލަތެވެ. އަދި ދައުލަތް ހިންގަން ތިބި 3 ބާރުގެ ވެރިންނެވެ. ވައިރަސް އޭގެ މަގުސަދު ހާސިލް ކުރުމުގައި އެކި ސިފަ ސިފައިގައި ނުކެމެ ތިއްބާ އެންމެ ފަހުން ގައުމުގެ ތިން ބާރުން ވެކްސިން ޖެހީއެވެ. އާންމުންނަށް ޔަގީންކަމެއް ދިނީއެވެ. އެންމެ ފަހުން ވައިރަހުގެ އަސަރު ފިލަން ފެށީއެވެ. އާންމުންވެސް އެއަށް އިތުބާރު ކޮށް ވެކްސިން ޖަހަން ފެށީއެވެ.
ހަގީގަތުގައި ވެސް ވީ އެހެނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ރޭސިޒަމް ނުވަތަ ނަސްލީ ތަފާތު ކުރުމުގެ ވާހަކަ ދައްކައެވެ. އިދިކޮޅުން ނުކުތީ ހަމަ އެ މޭރުމުންނެވެ. ނަމަވެސް ބޮޑު ބައްޔެއްގެ ޝިފާއަކާއި ދެކޮޅަށެވެ. ވަކި ގައުމަކުން އުފެއްދި ވެކްސިނެއް ނުޖެހުމުގެ ބަހަނާގައެވެ. އެންމެ ފަހުން އެމީހުންގެ ތެރެއިން މީހުން ވެސް ބޮޑުންނަށް ވަގަށް ވެކްސިން ޖަހަން ރަޖިސްޓްރީވެ ފަރުދާގެ ފުރަގަހުން އެކަން ވެސް ކުރަން ފަށައިފިއެވެ. ވައިރަސް މިއުޓޭޓްވެގެން ގޮސް އަސްލު އޮޅި ވެކްސިންގެ އުފާވެރިކަން ވެސް ހޯދަން ފަށައިފިއެވެ.
ހާއްސަ ސަމާލުކަމެއްދޭން ޖެހޭ ހައިރިސްކް ބޭފުޅުން ކޮޅެއް ވެސް އެބައުޅުއްވައެވެ. އެބޭފުޅުންނަށް ވެކްސިން ވަކިން ބެނުންތެރިއެވެ. އިންޑިއާއިން ދިން ވެކްސިން ޖަހައިގެން މިވަގުތަށް ފުއްދާލުން ރަނގަޅެވެ. އިދިކޮޅުން އުފެއްދި ވެކްސިން އަދިވެސް ޓެސްޓް ކުރުމުގެ މަރުހަލާއަކަށް ނުދެއެވެ. ފަންޑު ލިބުމުގައި ހުރި ދަތިތަކާހެދި ކަމަށް ވެދާނެއެވެ.