Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 22:04
ޤާސިމް މީގެ ކުރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ
ޤާސިމް މީގެ ކުރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ
މުހައްމަދު ޝަރުހާން
ޤާސިމް އިބްރާހިމް
ޤާސިމްގެ ބަންދާއިމެދު ގޮތެއް ނިންމުން ފަހުގެ ތާރީޚަކަށް!
އަޑުއެހުންތައް ވަނީ ނިންމާލާފަ، ގޮތެއް ނިންމާނީ ފަހުން
ޤާސިމްގެ ފަރާތުން މައިގަނޑު 4 ކަމެއް ހުށަހަޅާފައިވޭ
ޤާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރީ ފުލުހުން އެދިގެންކަން ޕީޖީއިން ޤަބޫލުކުރައްވާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި މެދު ގޮތެއް ނިންމުން ހައިކޯޓުން ފަހުގެ ތާރީޚަކަށް ލަސްކޮށްފިއެވެ.

 

ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ފަހުއެވެ.

 

އާދީއްތަ ދުވަހުގެ އިސްތިއުނާފު އަޑުއެހުމަށްފަހު ޤާސިމް އިބްރާހިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛާ ހިސާން ހުސައިން ވިދާޅުވީ ޤާސިމްގެ ފަރާތުން ޝަރީއަތުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާނެ ކަމަށެވެ.

 

އެގޮތުން ހައްޔަރުގެ އަމުރު ނެރުއްވި ފަނޑިޔާރު، އެ އަމުރުގެ ސައްހަކަމާއިމެދު ގޮތެއް ނިންމެވުމަށް އިންނެވުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫންކަން ޤާސިމްގެ ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމަ އެއާއިއެކު ޤާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ޤާނޫނާއި ޚިލާފަށް ކަމަށް ގަބޫލު ކުރެއްވޭކަންވެސް ޤާސިމްގެ ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ. އެހެނީ މެންބަރުން ބަންދުކުރުމަށް އެދެންވާނީ ޕްރޮސެކިއުޓަރ ޖެނެރަލްކަމަށް ޤާނޫނުގައި ބުނާއިރު އެ މާއްދާ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދުމާއިވެސް ގުޅޭނެ ކަމަށް ދެކިލައްވާކަން ވަކީލުން ފާހަގަކުރެއްވިއެވެ.

 

މީގެ އިތުރުން، ޤާސިމްގެ ބަންދަށް މުއްދަތު ޖަހައިދީފައިވަނީ ހެއްކެއް ނެތި ކަމާ، އެ މަޖިލިސް ސިއްރު ކުރެވުނުކަންވެސް ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.

 

ހިސާން ވިދާޅުވީ، ޤާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނޫން ކަމަށާ، އެގޮތަށް އެދުނީ ފުލުހުންކަން ދައުލަތުގެ ވަކީލުންވެސް ޤާބޫލު ކުރައްވާ ކަމަށެވެ.


ޤާސިމްގެ ބަންދުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު މި މައްސަލައިގައި ގޮތެއް ނިންމުމަށް އަދި ޝަރީޢަތް ތާވަލް ކޮށްފައެއް ނުވެއެވެ.

 

ޕްރޮސެކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ގާސިމް ހައްޔަރު ކޮށްފައިވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 12:20 ހާއިރު އެވެ.

 

ގާސިމް ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ގާސިމްގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

 

ގާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނެރުއްވި އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. 

 

ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް