ހޯމަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާއިރު، ދުޢާއަކީ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހަކީ ރާއްޖޭގައި ކޯވިޑް 19 އަށް ވެކްސިން ދޭން ފަށާ ދުވަސްކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާތް اللهُ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުމާއެކު، އެމަނިކުފާނުގެ ދުޢާއަކީ މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު ލިބިގެން ދިއުން ކަމަށެވެ.
ހެލްތް މިނިސްޓްރީން ހޯމަ ދުވަހު ވެކްސިންޖެހުމުގެ ޕްރޮގްރާމް ފެށުމަށް ނިންމާފައިވާއިރު، އެންމެ ފުރަތަމަ މި ޕްރޮގްރާމްގެ ދަށުން ވެކްސިން ދޭން ފަށާނީ، މާލެ، އައްޑޫ އަދި ހދ. ކުޅުދުއްފުށީގައެވެ.
ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސް.އައި.އައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ވަނީ 2021 ޖަނަވަރީ 26 ވަނަ ދުވަހު ދީފައެވެ. މި ހުއްދަ ދީފައިވަނީ ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށެވެ.
މި ވެކްސިންއަކީ ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިންއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔު.އެޗް.އޯ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި، އަދި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ދަށުން ހެލްތް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ދިވެހިރާއްޖޭގައި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޢާޔަތް ކޮށްފައިވާނެކަން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.