އަބްދުﷲ ޖާބިރު އަތުން ނެންގެވި ފައިސާއާ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ޙަވާލުވެވަޑައިގަތުމަށް ފަހު އޭނާ އެ ފައިސާއަށް ޚިޔާނާތްތެރިވެވަވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކުރީގެ އެޓަރނީ ޖެނެރަލް އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ހުޅަހަޅުއްވާފައިވާ މައްސަލައިގެ ބަޔާން ނެގުމަށް ފުލުހަށް ހާޒިރުވުމަށް އެދިފައިވާ ކަމަށް ދިޔާނާ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ދިޔާނާ ވިދާޅުވީ މި މައްސަލައިގެ ބަޔާންނެގުމަށް ފުލުހަށް އައުމަށް އެދިފައިވާ ކަމަށާއި، މި މައްސަލަ ހައްލުވާނެ ކަމަށް ވަރަށް ގިނަ ދުވަހު ހަނު ހުންނަވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުވާ މަންޒަރު ނުފެންނާތީ ކަމާބެހޭ އިދާރާތަކަށް ދާން މަޖުބޫރުވީ ކަމަށް ވެސް ދިޔާނާ ވިދާޅުވެއެވެ.
ދިޔާނާ ފުލުހަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޖާބިރު ރައީސް މައުމޫނަށް ދެއްވި ފައިސާގެ ބޮޑުބައެއް ރައީސް މައުމޫނާ ޙަވާލުކުރެއްވުމުގެ ޒިންމާ ނެންގެވީ އޭނާ ކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ އެދިވަޑައިގަތުމުގެ މަތިން 24 މިލިއަން ރުފިޔާ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންއާ ހަވާލުކުރެއްްވި ކަމަށް ދިޔާނާ ވިދާޅުވެފައި ވެއެވެ.
ނަމަވެސް ރައީސް މައުމޫނަށް އެފައިސާ ލިބިވަޑައިގެންފައިނުވާ ނަމަ އެއީ ފާރިސް އެ ފައިސާއަށް ޚިޔާނާތްތެރި ވީކަމަށް ވެސް ދިޔާނާ ވިދާޅުވެފައި ވެއެވެ. އަދި އެ ފައިސާއަށް ފާރިސް މައުމޫން ހެއްދެވި ގޮތެއް ބައްލަވައި ދެއްވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.
ދިޔާނާގެ ސިޓީގައި ވަނީ ރަހުނަކާ ނުލައި ޖާބިރު އެހާބޮޑު އަދަދެއްގެ ފައިސާ ރައީސް މައުމޫނަށް ދެއްވީ ރައީސް މައުމޫނުގެ ބަސްފުޅު ގެރެންޓީއަކަށް ފުދޭ ކަމަށް ވިދާޅުވެ ވަރަށް އިތުބާރުކުރައްވާފައި ކަމަށެވެ.
އެ މައްސަލަ ޖާބިރު ކޯޓަށް ވެސް ހުށަހަޅުއްވާފައިވާއިރު އެކަމުގައި ރައީސް މައުމޫނަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށާއި، ހަމައެކަނި ވިދާޅުވީ ފައިސާ ލިބިވަޑައިނުގަންނަވާކަމަށް، ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ. އަދި އެއްވެސް ހެއްކެއް ހާޒިރުކުރުމެއް ނެތި މައްސަލައިގެ ހުކުމްކުރުމާ ހަމައަށް ގާތްވެފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ވީއެންމެ އަވަހަށް ޚިޔާނާތުގެ ތަހުޤީޤު ފާރިސްގެ މައްޗަށް ކޮށްދެއްވުމަށް ވެސް ދިޔާނާ އެދިވަޑައިގެންފައިވެއެވެ.