އަވައްޓެރި ސްރީލަންކާގައި 5،000ށް ވުރެ ގިނަ މީހުންނަށް ކޮވިޑް19 ވެކްސިން ދީފިއެވެ.
އެގައުމުން ޖަހަން ފަށާފައި ވަނީ މި މަހު އިންޑިއާއިން ރާއްޖެ އަށް ވެސް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. އިންޑިއާއިން ލަންކާ އަށް އެ ވެކްސިން ދީފައި ވަނީ މި މަހުގެ 28ގަ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ލަންކާ އިން މިހާރު ފްރަންޓްލައިން ވޯކަރުންނާއި ފުލުހުންނާއި، ސިފައިންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފައެވެ. އަދި އޭގެ ތެރެއިން 5،000 މީހުންނަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެންމެ ފުރަތަމަ ވެކްސިން ދޭނީ 150،000 ފްރަންޓްލައިން މުވައްޒަފުންނާއި 115،000 ފުލުހުންނާއި ސިފައިންނަށް ކަމަށް ލަންކާ ސަރުކާރާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ލަންކާއިން ކޮވިޝީލްޑް ވެކްސިން ބޭނުންކުރަން ފަށާފައިވާއިރު ރާއްޖެއިން އަދިވެސް ވެކްސިން ޖަހަން ފަށާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ. އެޗްޕީއޭއިން ބުނީ ވެކްސިން ޖަހަން ފަށާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތައް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.
ކޮވިޝީލްޑް ވެކްސިން އުފައްދާފައި ވަނީ ދުނިޔޭގައި ވެސް ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އިންޑިއާގެ ސިރަމް ކުންފުނިންނެވެ. އެ ކުންފުނިން އުފެއްދި ކޮވިޝީލްޑް ވެކްސިން އަކީ ދުނިޔޭގެ އެންމެ ބޮޑު ދިރާސާކުރާ އެއް ޔުނިވަރސިޓީ ކަމުގައިވާއޮކްސްފޯޑް ޔުނިވަރސިޓީއާއި ވެކްސިން އުފެއްދުމުގެ ރޭހުގައި ކުރިއަރާފައިވާއެސްޓްރަޒެނިކާއިން އުފެއްދި ވެކްސިން (AZD1222) ގެ ފޯމިއުލާއަކީ ސިރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިންގައި ބޭނުންކޮށްފައިވާ ފޯމިއުލާ އިން ހަދާފައިވާ ވެކްސިންއެކެވެ.
22 މިލިއަންއަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ސްރީލަންކާއިން މިހާތަނަށް ރިޕޯޓްކޮށްފައިވަނީ 61،585 ކޮވިޑް-19 ކޭސްއެވެ. އޭގެ ތެރެއިން 297 މީހުން ވަނީ މަރުވެފައެވެ. އެގައުމުގައި ކޮވިޑް-19 ބޮޑަށް ފެތުރިފައި ވަނީ މިދިޔަ އޮކްޓޯބަރުގައި ކޮލަމްބޯގެ ގާމަންޓް ފެކްޓްރީއަކާއި މާރުކޭޓަކުން ބަލީގެ ކްލަސްޓަރއެއް ފެނުނު ފަހުންނެވެ.