ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި މުހައްމަދު ހަމީދު ހުންނެވުމަކީ ދިވެހި ރައްޔިތުންނާއި މުޅި ގައުމަށް ވެސް އޮތް ނުރައްކަލެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސީޕީ ހަމީދަކީ ދައުލަތުގެ ސިއްރު ހާމަކުރަން ނުޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ހާމަކުރި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ކަމަށެވެ. އެފަދަ އަމަލެއްކޮށްފައިވާ މީހަކު ފުލުހުންގެ ވެރިއެއްގެ މަގާމުގައި ހުރުމަކީ މުޅި ގައުމާއި ދިވެހި ރައްޔިތުންނަށްވެސް ނުރައްކާތެރިކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
ފުލުހުންގެ ސިއްރު މައުލޫމާތެއް ލީކް ކޮށްލިކަމުގެ ތުހުމަތުގައި ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓައި ހަމީދު ވަޒީފާއިން ވަކިކުރީ 2012 ވަނަ އަހަރުއެވެ. އެކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުވެސް ކުރިއެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލައިގައި ދައުވާއުފުލާފައެއް ނުވެއެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ހަމީދަށް ވަޒީފާ އަލުން ދޭން ނިންމި ނަމަވެސް 2016 ވަނަ އަހަރު ހައިކޯޓުން ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމާފައެވެ.
ހަމީދު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން 2018 ވަނަ އަހަރު ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެ މައްސަލަ ބައްލަވައި ނިންމެވީ ހަމީދު ވަޒީފާއިން ވަކިކޮށްފައި ވަނީ އުސޫލާ ހިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފްގެ މައްސަލައިގައި ދައުލަތުން ވަނީ އޭނާ ވަޒީފާއިން ވަކިކުރިއިރު އެކަމުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާކަމަށް އެއްބަސްވެފައެވެ. އެގޮތުން މަގާމުން ވަކިކުރުމުގެ ކުރިން އޭނާ ޑިސިޕްލިނަރީ ބޯޑަށް ހާޒިރުކޮށް މައްސަލައާ ގުޅިގެން އޭނާގެ ބަހެއް ހޯދަން ޖެހޭނެއެވެ. ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާކަން ކޯޓަށް ސާބިތުވެފައިވެއެވެ.
އޭގެ ފަހުން އޭނާ ސީޕީގެ މާގަމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރު ތެރޭގައެވެ.