ހާލު ބޮޑުވެ އިތުރު 10 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭންފަށާފައިވާއިރު ފާއިތުވި 24 ގަޑިއިރު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 122ށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭއިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ ހަވީރު 06:00ން ހޮނިހިރު ދުވަހުގެ ހަވީރު 06:00ށް އިތުރު 122 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މިއާއިއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 15،736ށް އަރާފައެވެ.
އެޗްޕީއޭއިން ބުނީ ފާއިތުވި 24 ގަޑިއިރު 3،535 ސާމްޕަލް ނަގާފައިވާ ކަމަށާއި ރިޕީޓުކޮށް ނެގުނު ސާމްޕަލްތަކާއިއެކު ޖުމްލަ 4،07،145 ސާމްޕަލް މިހާތަނަށް ނެގިފައިވާކަމަށެވެ.
ކޮވިޑް-19ށް 122 މީހުން ޕޮޒިޓިވްވެފައި ވާއިރު މީގެތެރެއިން 90 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން ހަތަރު މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 25 މީހަކު، ސަފާރީ އަދި ޔޮޓުތަކުން ތިން މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
ހޮސްޕިޓަލުގައި ފަރުވާ ދޭންފަށާފައިވާ އިތުރު 10 މީހުންނާއިއެކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 152ށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއިއެކު ފެތުރެމުން އަންނައިރު ރާއްޖޭގައި މި ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު އަނެއްކާވެސް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.