ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނަން ދޭ ވޯޓަކީ ޙައްގުތަައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް ކަމަށް ވައިކަރާދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ވަރުގަދަ ކުރުމަށް އާދީއްތަ ދުވަހު ހއ މުރައިދޫއަށް ވަޑައިގެން އެރަށު އެމްޑީޕީ މެމްބަރުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ނަތީޖާއާއެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދިނުމަށް ނާޒިމް ގޮވާލެއްވިއެވެ.
މުރައިދޫއަށް ވަޑައިގެންނެވި އެމްޑީޕީގެ ވަފުދުގައި އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އިތުރުން އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނެއެވެ.
ނާޒިމް ވިދާޅުވީ މި އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވިއްޖެނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔާގީންކަން އެބަ އޮތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ނިގުޅާއިގެންފައިވާ ކައުންސިލް ތަކުގެ ބާރުވެރިކަން ވެސް ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހޯދައި ދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަން ގެއްލިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް ކަށަވަރުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މެއި މަހުގެ 6 ވަނަ ދުވަހުގެ ކުރިން މުޅި ރާއްޖޭގައި އެމްޑީޕީގެ ހަރަކާތަށް ކުރިއަށް ދާނެ ކަމަށެވެ.
އަބާދީގައި 835 މީހުން ދިރިއުޅެމުންދާ މުރައިދޫގެ ރަށު ކައުންސިލަށް ޖުމްލަ ހަތް ކެނޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އެމްޑީޕީން ތިން ކެނޑިޑޭޓުންނާއި، ވެރިކަން ކުރާ ޕީޕީއެމުން ތިން ކެނޑިޑޭޓުންގެ އިތުރުން އަމިއްލަ އެއް ކެނޑިޑޭޓެއެވެ.