ލ. ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ބޮޑު ބައެއް ނިމި، ޒަމާނީ މަގުތަކުގެ މަލަމަތި ފެންނަން ފަށައިފިއެެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީ.ން ވަނީ ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ %75 މަސައްކަތް ނިމިފައިވާކަން ހާމަކޮށްފައެވެ. މި ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތުގެ ވެސް %50 ވަނީ ނިމިފައެވެ.
ލ. ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާފައި 2017 ވަނަ އަހަރުއެވެ. ނަމަވެސް މަސައްކަތް ހުއްޓި ދިގު މުއްދަތެއް ފާއިތުވީ ފަހުން، އަލުން އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ޖޫންމަހުއެވެ. މި ދިޔަ ޑިސެމްބަރުމަހު ވަނީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.
ފުރަތަމަ ފިޔަވަހީގައި އެރަށުގެ 12 މަގެއްގައި ތާރު އެޅުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެއީ 3.5 ކިލޯ މީޓަރުގެ ސަރަޙައްދެކެވެ. މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ ފެންބޮޑުވުމުގެ މައްސަލައަށް ވެސް ޙައްލު ލިބޭނެހެން ފަރުމާކޮށްގެންނެވެ.
ލ. ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް އެމް.ޓީ.ސީ.ސީ.އާ ވަނީ ޙަވާލުކޮށްފައެވެ.
ލ.ފޮނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އެރަށުގެ 3.64 ކިލޯމީޓަރުގެ މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ. ފޮނަދޫ މަގުތައް ހަދަނީ، މަގުގެ މައްސަލައަށް ފުރިހަމައަށް ޙައްލު ލިބޭނެހެން ފަރުމާކޮށް، ތާރު އަޅައިގެންނެވެ. އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވަނީ މަގުތަކުގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތިޖަހައި ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތެކެވެ. މި މަސައްކަތްތައް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރީ 390 ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫޢަކީ ސަރުކާރުން 53.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެކެވެ.