ކ. މާލެ
|
29 ޖެނުއަރީ 2021 | ހުކުރު 12:29
ކެޔޮދޫގައި ފުލުހުންގެ ޚިދުމަތްފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކެޔޮދޫގައި ފުލުހުންގެ ޚިދުމަތްފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ގުޅިގެން މަސައްކަތް ކުރުން މުހިންމު
ތަރައްޤީ އާއި ކުރިއެރުމަށް އެންމެން އެކުއެކީގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ: މިނިސްޓަރު ޝާހިދު
ޕެންޑަމިކްގައި ވެސް ހާސިލް ކުރަން ބޭނުންވި ގިނަ ކަންތައްތައް ހާސިލް ކުރެވުނު
ސަރުކާރުން ދޭ އިރުޝާދާއެކު، ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބޯލަނބަން ޖެހޭ
ފުލުހުންގެ ޚިދުމަތް ވެސް ފެށިގެން ދިޔައީ ރަށުގެ ރައްޔިތުން ކުރި މަސައްކަތުން

ތަރައްޤީއާއި ކުރިއެރުމަށް އެންމެން އެކުއެކީގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ 2020 ވަނަ އަހަރަކީ ކޮވިޑް-19އާ ގުޅިގެން މުޅި ގައުމަށް އެކަމުގެ ހިތްދަތިކަން ލިބުނު އަހަރެއް ކަމަށާއި، ނަމަވެސް ގުޅިގެން މަސައްކަތް ކުރުމުން ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. ހާސިލްކުރަން ބޭނުންވި ގިނަކަންތައްތައް ހާސިލް ކުރެވި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ނިންމުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކެޔޮދޫއަކީ ކުރިން މަސްވެރިކަމުގެ ރަށެއްކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާރު ވެސް އެސިނާޢަތް ކުރިއަރުވަން ރަށުގެ ރައްޔިތުން މަސައްކަތްކޮށްފި ކަމުގައިވާނަމަ ކާމިޔާބުވާނެ ކަމަށެވެ. އަދި މިހާރު ފަތުރުވެރިކަމުގެ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ވާދަކުރަމުން އަންނަ އެއް ރަށް ކަމަށްވާއިރު ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ހަޤީޤީ ލަނޑުދަނޑި ހާސިލުކުރެވޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން ދޭ އިރުޝާދާއެކު، ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބޯލަނބާ އަމަލުކޮށް ދާއިމަށް ތަންފީޒު ކުރެވިއްޖެކަމުގައިވާނަމަ މިހާރު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ޒިޔާރަތްކުރެވި، ސިނާޢަތް ވަރަށް ބޮޑުތަނުން ކުރިއަރައިގެންދާނެކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ދުނިޔޭގައި އެންމެ ގިނަ މީހުން އަންނަން ބޭނުންވާ މަންޒިލެއް ކަމުގައި އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖެ މިވަނީ ހިމެނިފައި. އެގޮތަށް އެކަން ވެގެން ދިޔައީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން، ކެޔޮދޫގެ ރައްޔިތުން، ސަރުކާރުގެ އިރުޝާދުތަކަށް އިޙުތިރާމްކުރައްވައި، ބޯ ލަންބަވަމުން ގެންދެވިކަމުން. އެއީ އެކުގައި، ގުޅިގެން މަސައްކަތްކުރީމާ ނިކުންނާނެ ހެޔޮ ނަތީޖާ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކެޔޮދޫގައި ހުޅުވި ޕޮލިސް ޕޯސްޓަށް އިޝާރާތް ކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ވެސް ފެށިގެން ދިޔައީ ރަށުގެ ރައްޔިތުން ކުރި މަސައްކަތުން ކަމަށާއި، އެ ޚިދުމަތް ވެސް ކާމިޔާބު ވެގެންދާނީ ރައްޔިތުން އެޚިދުމަތް ބަލައިގަތް މިންވަރަކުން ކަމަށެވެ.

- ކޮމެންޓް