ތިން ގައުމެއްގެ ޚާރިޖީ ވަޒީރުންނަށް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު އެމަނިކުފާނު ފޯނުން ވާހަކަ ދެއްކެވީ ސިއޭރަލިއޯންގެ ފޮރިން މިނިސްޓަރ ނަބީލާ ތޫނިސް، މެލޭޝިއާގެ ފޮރިން މިނިސްޓަރ ހިޝާމުއްދީން ހުސެން އަދި ބްރޫނާއީ ދާރުއްސަލާމްގެ ފޮރިން މިނިސްޓަރ ދާތޯ އެރިވަން ޔޫސުފް އާއެވެ.
ވަކިވަކިން ކުރެއްވި މި ފޯންކޯލްތަކުގައި އެގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގުވާމީ މަސްރަޙުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ނިމި ދިޔަ ހަފުތާގައި މިނިސްޓަރ ޝާހިދު ވަނީ ބޭރުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއެކު ވަރޗުއަލް ބައްދަލުވުންތަކެއް ބާއްވާފައެވެ.
އެގޮތުން ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައްދަލުކުރައްވައި، ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓްތަކަށް ބޭރުކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ހަމައެއާއެކު ތިމާވެއްޓާއި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވަރޓޫ އެރިކްއާ ވެސް މިނިސްޓަރ ޝާހިދު ނިމިދިޔަ ހަފުތާގައި ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކާއި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުމާއި ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ބޭރުކުރެވޭނެ އިތުރު މަގުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ނިމުނު ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ އެމެރިކާ އަދި އެސްޓޯނިއާގެ އާ ޚާރިޖީ ވަޒީރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރަށާއި، އޮސްޓްރޭލިއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރަށް ވެސް މިނިސްޓަރ ޝާހިދު ތަހުނިޔާގެ މެސެޖް ފޮނުއްވިއެވެ.
ކޮވިޑް-19ގެ ޕެންޑެމިކްގެ ސަބަބުން ބައިނަލްއަޤުވާމީ ދަތުރުފަތުރަށް ހުރަސްތަކެއް އެޅިފައިވީ ނަމަވެސް، މެދުކެނޑުމެއް ނެތި އެކުވެރި ގައުމުތަކުގެ ވެރިންނާ އަދި ބައިނަލްއަގުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނާއެކު މިނިސްޓަރ ޝާހިދު ގެންދަވަނީ މަޝްވަރާކުރައްވައި، ގުޅުން ބަދަހިކުރައްވަމުންނެވެ.