މުޖުތަމަޢުއެއް ބިނާވެފައި އޮންނާނީ އެ މުޖުތަމަޢުއެއްގައި ދިރިއުޅޭ ބައެއްގެ މައްޗަށެވެ. މުޖުތަމަޢުގެ އެންމެ ފަޚުރުވެރި އެއްބަޔަކީ ދިވެހި ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނެވެ. ކާބަފައިންގެ ޒަމާނުއްސުރެ މިއަދާ ހަމައަށް ވެސް ދިވެހިންނަކީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގޮތުން އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ.
އެގޮތުން އެންމެ ކުރިންފެށިގެން ވެސް ރާއްޖެއަށް ކުރިމަތިވި ކޮންމެ ކާރިސާއެއްގައި ދިވެހީން ދައްކުވައިދީފައިވާ ރީތި މިސާލުން އެކަން ހާމަވެއެވެ. އެގޮތުން ރާއްޖެއާ ތޮޅެން އައި ކޮންމެ ބައެއްގެ ކިބައިން ރާއްޖެ ސަލާމަތްކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ކާރިސާތަކާއި ހާދިސާތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގައި ދައްކުވައިދީފައިވަނީ ކޮންމެ ޖީލަކަށް ވެސް ޢިބުރަތަކަށް ފުދޭނެ ރީތި މިސާލުތަކެކެވެ. އެކަކަށް ލިބުނު ގެއްލުމުގައި އަނެކަކު ޙިއްޞާކުރިއެވެ.
ހިތާމައިގެ ވަގުތާއި އުފާވެރިކަމުގެ ވަގުތުގައި ވެސް ބައިވެރިވިއެވެ. މުއްސަނދިން ފަގީރުންނަށް އެހީތެރިވިއެވެ. ކޮންމެ ބަޔަކު ވެސް އަދި ފަރުދަކު ވެސް މަސައްކަތްކުރީ އަނެކާގެ ދަތިތައް ހައްލުކޮށްދީ އެހީތެރިވެދިނުމަށެވެ. މިފަދަ އެކުވެރި، އަޅާލައި އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް މަސްޢޫލިއްޔަތެކެވެ. ރައްކާތެރި އަމާން މުޖުތަމަޢުއެއް ބިނާކުރުމާއި މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި މިފަދައިން އަމަލުކުރަންޖެހެއެވެ.
މުޖުތަމަޢުއަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައި ވެސް މަސްޢޫލިއްޔަތުތަކާއި ޒިންމާތަކެއް އެޅިފައިވާއިރު މި މުޖުތަމަޢުގެ ފަރުދުންނަށް ވީތީ މުޖުތަމަޢުއަށްޓަކައި އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތަކަކާއި ވާޖިބުތަކެއް ހުންނާނެކަން ގަބޫލުކުރަންޖެހެއެވެ.
އަދި އެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް މަސައްކަތް ކުރަންޖެހޭއިރު ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެމީހަކަށް ލިބެންޖެހޭ ހައްގުތަކާއި މިނިވަންކަމުގެ ވާހަކަ ދައްކާއިރު އެމީހަކު އަދާކުރަންޖެހޭ މަސްޢޫލިއްޔަތުކަކަކާއި ވާޖިބުތަކެއް ހުންނަނާނެކަމާއި އެއީ ވަކި ނުކުރެވޭނެ ދެ އަސާސްކަމެވެ.
ދިރިއުޅެމުންމިދާ ކުޑަކުޑަ މުޖުތަމަޢު ކުށުގެވެށިން ރައްކާތެރިކޮށް އަމާންކުރުމަށް ކޮންމެ ފަރުދަކަށް ވެސް ކުރެވޭނެ ކަންތައްތަކެއް ހުންނާނެއެވެ. އެގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހުށަހަޅާފައިވާ ތަފާތު މައްސަލަތަކަށް ބަލާއިރު ފަރުދީ ޒިންމާ އަދާނުކުރެވުމުގެ ސަބަބުން ހިންގާފައިވާ ކުށުގެ މައްސަލަތައް ވެސް ހިމެނެއެވެ.
އެކި ސަބަބުތަކާހުރެ ކުށުގެ ވެއްޓަށް ހުށަހެޅެމުންދާ ޒުވާނުންގެ އަދަދު ވެސް މަދެއްނޫނެވެ. މިކަމުގައި ވަކި ޖިންސެއް ތަފާތެއް ނެތެވެ. ކުށުގެ ވެއްޓަށް ހުށަހެޅެމުންދާ ޒުވާނުން ހަމަ މަގަށް އަޅުވައި އަނބުރާ މުޖުތަމަޢުއަށް ގެނައުމުގައި ކޮންމެ ފަރުދެއްގެ ވެސް އެހީތެރިކަން ބޭނުންވެއެވެ. އަދި މުޖުތަމަޢުގެ އެއްބާރުލުން ވެސް ބޭނުންވެއެވެ.
ޒުވާނުންގެ މެދުގައި އާއްމުވެފައިވާ ކުށުގެ ވެއްޓަށް ނަޒަރުހިންގާލާއިރު ކުށެއް ކުރުމުން އެމީހަކީ ގޯސް މީހެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ޒުވާނުންގެ އަދަދު ވެސް މަދެއް ނޫނެވެ. ހަގީގަތުގައި ގޯސް ވަނީ އެމީހަކު އެވަގުތު އެ ކުރާ އަމަލެކެވެ. އެހެންކަމުން އެމީހަކު ބާކީކޮށްލުމުގެ ބަދަލުގައި މުޅި އާއިލާއާއި ރަހުމަތްތެރިންގެ އިތުރުން މުޖުތަމަޢުގެ އެހީތެރިކަމާއެކު އެމީހަކު ހަމަ މަގަށް އަޅުވައި ރަނގަޅު މީހެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް މަސައްކަތް ކޮށްދޭންޖެހެއެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ކުށަށް އަރައިގަތުމަށް މެދުވެރިވީ ސަބަބު ހޯދައި، އެކަމުން އެ މީހަކު ސަލާމަތްކުރުމަށްޓަކައި މަސައްކަތް ކޮށްފިކަމުގައިވާނަމަ ދެވަނަ ފަހަރަށް އެމީހަކު އެ ކުށަށް އަރައިގަތުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ. ބޭނުންވަނީ އަޅާލުމާއި އޯގާތެރިކަމާއެކު ފޯރުކޮށްދޭ އެހީތެރިކަމެވެ.
މުޖުތަމަޢުގެ މަސްޢޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިގެންދާނީ އެ މުޖުތަމަޢުއެއްގައި ދިރިއުޅޭ އެންމެން އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެގެންނެވެ. އަދި މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަމަކީ ވެސް އެންމެން ގުޅިގެން ކުރެވޭނެ ކަމަކަށް ވާހިނދު، މި މުޖުތަމަޢުގެ މަސްޢޫލިއްޔަތަކީ އެންމެންގެ ހިތްހަމަޖެހުން ކަމުގައި ހެދުމަށް އެންމެން އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު ކަމެކެވެ.