މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ފެނިގެންދަނީ، ސަރުކާރުގެ އަބުފުޅު ބޮޑުވެ، ރައްޔިތުންގެ އަބުރާމެދު ނުވިސްނާ ކަންކަން ކުރައްވާ މަންޒަރު ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަންގެ ނައިބު ލީޑަރުއައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގދ.ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއް ގެނައީ މިހާރުގެ ސަރުކާރުން ފެންނަ ފަދަ ތަރައްގީ ގެނައުމަށް ނޫން ކަމަށެވެ. ނާދިރާ ވިދާޅުވީ، މިސަރުކާރުގެ ވެރިކަމުގައި ކަރަންޓް ބިލްތައް ބޮޑުވެ، ކާޑުގެ ބާވަތްތަކުގެ އަގު އެތައް ގުނައަކަށް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.
ކައުންސިލް އިންތިހާބާއި ކައިރިކޮށް ކާޑުގެ ބާވަތްތަކުގެ އަގު ކުޑަ ކުރި ނަމަވެސް ރައްޔިތުންނަށް އޭގެ ފައިދާއެއް ނުކުރާނެ ކަމަށް ނާދިރާ ވިދާޅުވި އެވެ. މީގެ ކުރިން ތަހައްމަލުކުރި އުނދަގޫތަކެއް ނުފޮރުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނާދިރާ ވިދާޅުވީ، ރައްޔިތުންނަށް މިއަދު ތަފާތު ފިއްތުންތައް ކުރިމަތި ކުރުވަމުންދާ އިރު، ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ކަންކަން ކުރުމަށް މަޖުބޫރު ކުރަމުންދާ ކަމަށެވެ.
ދިވެހި ރައްޔިތުންނަކީ މިނިވަން، ގާނޫނުގެ ތެރެއިން ހައްގުތަކެއް ލިބިފައިވާ ބަޔަކަށްވާ އިރު ވަޒީފާގެ ބިރުވެރިކަން އުފައްދާ ފިއްތުންތައް ސަރުކާރުން ކުރިމަތި ނުކުރެވޭނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނަށް ފަސޭހަ، ދިވެހި ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދޭނެ ފުރުސަތުތައް ހޯދާދިނުމަށް މި ސަރުކާރު ގެނައީ. އެހެން ނަމަވެސް އެކަން ވެގެންދާ މަންޒަރެއް ނުފެނޭ." ނާދިރާ ވިދާޅުވި އެވެ.
ނާދިރާ ވިދާޅުވީ، މިއަދު ކޮންކްރީޓް ބިލްޑިންތަކެއް އެޅިގެންދާ މަންޒަރު ފެނިގެންދިއަ ނަމަވެސް، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ތަރައްގީ ވެގެންދާ މަންޒަރު ނުފެންނަ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ދިރިއުޅުމުގައި ތަރައްގީ ހާސިލްވާ މަންޒަރު ނުފެންނަ ކަމަށާއި ރައްޔިތުންނަށް އެމީހުންގެ ދަރިންގެ ހަރަދުތައް، މަހުގެ ފަހު ދިހައާ ހަމައަށްދާއިރު ކުރަން ދަތިވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
މިދިއަ މާޗު 27 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން އެއްބަސްވުމެއްގައި ސޮއިކޮށް އިސްލާހީ މަސައްކަތްތައް ފެށިގެން ދިޔައީ، މި ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކަމަށް ނާދިރާ ވިދާޅުވި އެވެ.
ސަރުކާރުން ތަރައްގީގެ ވާހަކަ ދައްކާ އިރު މި ސަރުކާރުން ކުރި ހޯދައިގެން އުޅެނީ، ބޮޑުތަނުން ރައްޔިތުންނަށް ޖެއްސުންކޮށްގެން ކަމަށް ނާދިރާ ވިދާޅުވި އެވެ
ނާދިރާ ވިދާޅުވީ ސަރުކާރުގެ ކަންކަމަށް ހިތްހަމަ ނުޖެހޭ ނަމަ ރައްޔިތުން ސާފުބަހުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި މިއަދު ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ނާދިރާ ވިދާޅުވި އެވެ.