ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ 10 އަހަރުގެ ކުއްޖަކު މަރުވި މައްސަލާގައި ޝަރީޢަތް ފަށައިފިއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ހިނގި މިހާދިސާއާ ގުޅިގެން ދައުވާ އުފުލާފައި ވަނީ އެ ލޯޑަރު ދުއްވަން އިން ޑުރައިވަރު ސ. މީދޫ، އިރުމަތީގޭ ޒާހިދު ހަސަންގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނުލްއުގޫބާތުގެ 111 ވަނަ މާއްދާގެ ދަށުން މީހަކު މަރުވެ ދިއުމުގައި ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ޝަރީޢަތުގައި މައްސަލަ ކުރިއަށްގެންދަން ބެނުންވަނީ ވަކީލަކާއި އެކު ކަމަށް ޒާހިދު އެދުމުން ގާޒީ ވަނީ ޒާހިދަށް ވަކީލަކު އައްޔަން ކުރުމަށް ފަސް ދުވަހުގެ މުއްދަތު ދީފައެވެ.
އަޑުއެހުމުގައި ގާޒީ ވަނީ، އެ މައްސަލައިގެ ޝަރީއަތް ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ވިދާޅުވެފައެވެ. އެކަން އެ ގޮތަށް ކުރުމާމެދު ގޮތެއް ނިންމައިދިނުމަށް ދައުލަތުގެ ވަކީލުގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ. ގާޒީ ވިދާާޅުވީ ޒާހިދުގެ އިތުރުން، ދައުލަތުން ހުށަހަޅާ ހެކިންނަކީވެސް ފަރެސްމާތޮޑާގައި ދިރިއުޅޭ މީހުން ކަމަށްވުމުން، ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި އެހެން ކަމުން އެ މައްސަލައިގެ ޝަރިއަތް ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަސް ގެންދިއުމުގެ ކަންތައްތައް ހަމަޖެއްސުމަށް ގާޒީ އެދިވަޑައިގެންފައިވެއެވެ.
ލޯޑަރު ދަށުވެ މަރުވެފައިވަނީ 10 އަހަރުގެ އަމާނަތުﷲ ނަމަކަށް ކިޔާ ކުއްޖެކެވެ.