Advertisement
ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 08:13
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
ރާއްޖެ އެމްވީ
ހދ އަތޮޅުގެ ކެމްޕޭން
ކުޅުދުއްފުއްޓަށް ވަޑައިގަންނަން ރައީސް ޔާމީން ލަދުފުޅު ގަންނަންޖެހޭނެ: ޝިފާޒް
އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ވިދާޅުވި
ވޯޓްދޭއިރު އެކަން ހަނދާނުގައި ބަހައްޓަން ވިދާޅުވި
ސަރުކާރު ދޯދިޔާކަން ފާހަގަކުރެއްވި

ކުޅުދުއްފުއްޓަށް ވަޑައިގަންނަވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ލަދުފުޅު ގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

 

ހުކުރު ދުވަހުގެ "ލާމަރުކަޒީ ރާއްޖެ" ނަމުގައި ކުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެންފިނަމަ، އެރަށުގެ ރައްޔިތުން ނުކުމެ މުޒާހަރާކުރާނެ ކަމަށެވެ.

 

ޝިފާޒް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަށް އެރަށުގެ ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށެވެ. މިއަދު ރައީސް ޔާމީނަށް ކެމްޕޭން ޖަލްސާއެއް ބާއްވާލަންވެސް ކުދުއްފުއްޓަށް ވަޑައިގަންނަވަން ލަދުފުޅު ގަންނަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަށް ނުފުއްދި ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

"އެހެން ރަށްތަކާއި ހިލާފަށް މި ކުޅުދުއްފުއްޓަށް އައުމުން ކުރެވޭ އިހްސާސް ތަފާތު، ކުޅުދުއްފުށީ ރައްޔިތުންނޭ ބުނުމުން ކޮންމެ މީހަކަށް ވެސް އެނގޭނެ އެއީ މަސައްކަތްތެރި ހިތްވަރުގަދަ ބަޔަކު ދިރިއުޅޭ ރަށެއްކަން، އެހެންމަވެސް ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދޭ، ރައީސް ޔާމީން ލަދުގަންނަންޖެހޭ" ނައިބް ރައީސް ވިދާޅުވިއެވެ.

 

ރައީސް ޔާމީން ކުދުއްފުއްޓަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ވޯޓް ލުމުގެ ކުރިން އެވައުދުތަކާއިމެދު ކޮންމެހެންވެސް ރައްޔިތުން ވިސްނާލަންޖެހޭ ކަމަށެވެ.

 

"ކުޅުދުއްފުށީ ރައްޔިތުން ވިސްނަންޖެހޭ، ރައީސް ޔާމީން މި ރަށުގެ ގޭގެއަށް ބެއްސެވި ކަރުދާސްތަކުގައި ލިޔެފައި ވަނީ 2 އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓެއް ގާއިމްކޮށްދޭނެ ކަމަށް" ޝިފާޒް ވިދާޅުވިއެވެ.

 

ޝިފާޒް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނަވާތާ 2 އަހަރު ދުވަހުގެ ތެރޭގައި ކުދުއްފުށީގައި އެއާޕޯޓެއް ގާއިމްކުރާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ ލޮލުގައި އަދުން އެޅުވި ކަމަށެވެ. އިންތިހާބާއި ދިމާކޮށް އަނެންކާވެސް ސަރުކާރުން މަސައްކަތް ކުރާނީ ކުޅުދުއްފުށީ ރައްޔިތުންނަން ކޮޅުވާލާން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ޝިފާޒް ވިދާޅުވި ގޮތުގައި މިއަދު ކުޅުދުއްފުށިން ފެންނަން ތަރައްޤީ އަކީ އެމްޑީޕީ ވެރިކަމުގައި ގެނައި ތަރައްޤީއެވެ. އެގޮތުން ކުދުއްފުށީގައި 18 ހެކްޓަރުގެ ބިން ހިއްކާ، އެރަށުގެ މަގުތަށް ވެސް ރަނގަޅު ފެންވަރުގައި ހެދެން ފެށުނު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީން ހިއްކި ސަރަހައްދުގައި ތަރައްޤީގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވާތި ހިތާމަކުރައްވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

 

އެހެންކަމުން ކުދެއްފުށީގެ ރައްޔިތުންގެ ވޯޓް އެމްޑީޕީއަށް ލިބޭނެ ކަމާއި މެދު ޝައްކުނުކުރާ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
29 އޭޕްރިލް 2017 | ހޮނިހިރު 18:58
ހ މ ޒ
ކުޑަ ރަށެއްގެ ކައުންސިލަށް ކުރިމަތިލިޔަސް ނަޝީދު ނުހޮވޭނެ!؟