މި ސަރުކާރުން މި އުޅެނީ ނަސްރު ހޯދަން ކަމަށާއި ހައްގާ ބާތިލާ ދޭތެރޭގައި ހުރި ތަފާތު ރައްޔިތުންނަށް ކިޔައިދޭން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މާލޭ ސިޓީ އަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށަކާ ދެމެދު ހިނގާ ދިޔަ ކަންކަން ރައްޔިތުންނަށް ހަނދާންކޮށްދޭން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ފެބްރުއަރީ 07 ގައި ވެއްޓުމަކީ ބާތިލްގެ މައްޗަށް ޙައްޤު ހޯދި ކާމިޔާބެއް ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތާއި މިހާރު ކަންތައްތައް ހިނގާ ގޮތް ހުދާ ކަޅާހާއި ތަފާތުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
" 2009 އަކުން ފެށިގެން 2012 ގެ ފެބްރަވަރީ 8 އާ ހަމަޔަށް ރައްޔިތުންގެ ހިތުގައި ހުރި މާޔޫސްވުންތަކާއި ރައްޔިތުންނަށް ލިބެމުން ދިޔަ ގެއްލުންތަކާއި މުދަލާ ފައިސާއަށް އައި ގެއްލުންތަކާއި ތަންތަން ރޯ ކުރުން ފަދަ ކަންކަން ވިސްނާލަން ޖެހޭ." ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް ގަދަކަމުން ހައްޔަރުކޮށްފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ މި ވެރިކަމުގައި ދެ ދަރަޖައެއްގެ ރައްޔިތުންނެއް ނުތިބޭނެ ކަމަށާއި މިސަރުކާރުގައި ރާއްޖެތެރެއާ މާލެއެއް ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ އެއް ހައްގުތަކަކާއި އިމްތިޔާޒްތަކެއް ލިބިގެންދާނެ ބައެއް ކަމަށެވެ. ރައީސް ޔާމިން ދެކެވަޑައިގަންނަވަނީ "ރާއްޖެއަކީ އެއް ރާއްޖެއެއް"ގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުގައި ހުރިހާ ދިވެހިންނަށް އެއް ހައްގުތަކަކާއި އެއް އިމްތިޔާޒުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ރާއްޖެތެރޭ މީހުންނަކީ އުޅޭ ބައެއް ނޫން. ކިތަންމެ ފަހަރަކު މި ވާހަކަ ދެކެވިއްޖެ. އަޅުގަނޑުގެ ވެރިކަމުގައެއް ނޫން ދެ ދަރަޖައިގެ މީހުން އުޅޭ ކަމަށް ބުނެވިފައި އޮތީ. އަޅުގަނޑު ސަރުކާރުގައި ހުރިހާ ދިވެހިންނަކީ ވެސް ދިވެހިން" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރު އޮތީ ރައްޔިތުންނަށް ހިދުމަތް ކުރަން ކެތް މަދުވެފައި ކަމަށާއި އަދި އަންނަ މަހު ހައެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ބޮޑު އަޣުލަބިއްޔަތެއް ލިބެން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ކެބިނެޓަށް ބަލައިލި ނަމަވެސް އަޣުލަބިއްޔަތަކީ އަތޮޅުތެރޭގެ ބޭފުޅުން ކަމަށާއި އެމަނިކުފާނަކީ ވެސް ހަތަރު ކަށިމަތި މާލޭ މީހެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.