Advertisement
ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 06:52
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)
ރާއްޖެ އެމްވީ
އެމްޑީޕީގެ ކެމްޕެއިން
އަނެއް ފަރާތުގައި އޮތީ ވައްކަމާއި ޚިޔާނުގެ ޓީމެއް: އިބޫ
މިސަރުކާރަކީ ހިޔާނާތުން ފުރިފައިވާ ސަރުކާރެއްކަމަށް ވިދާޅުވި
ދައުލަތުގެ ބަޖެޓްގައި ހަމަހަމަ ކަމެއް ނެތްކަމަށް ވިދާޅުވި
މިނިވަންކަމާއެކު ބަސް ބުނެވެންޖެހޭ ކަމަށް ވިދާޅުވި

 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލާން ބަލާއިރު، އެއްފަރާތުގައި އޮތީ މިނިވަންކަމާއި ތަރައްގީ ކަމަށާއި އަނެއް ފަރާތުގައި އޮތީ ވައްކަމާއި ހިޔާނުގެ ޓީމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

 

ޅ. ހިންނަވަރުގައި އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލާންވީ ގޮތް ވަރަށް ސާފު ކަމަށެވެ.

 

އިބޫ ވިދާޅުވީ ގައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު މިނިވަންކަމަކީ، މިނިވަންކަމާއެކު ބަސް ބުނެވުން ކަމަށާއި އެއީ ގާނޫނުއަސާސީ ލިބިދޭ އަސާސީ ހައްގެއް ކަމަށެވެ.

 

"ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހައްގަކީ މިނިވަންކަމާއެކީގައި ބަސް ބުނުމުގެ ހައްގު، މެއި މަހުގެ ހަ ވަނަ ދުވަހު ތިޔަބޭފުޅުން ނިކުމެވަޑައިގެން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ބަސް ބުނުމުގެ ހައްގު ގާނޫނުއަސާސީން އެބަލިބިދޭ. ތިޔަބޭފުޅުންނަށް އެދުވަހު ވޯޓް ލާންވީގޮތެއް އޮޅިވަޑައެއް ނުގަންނަވާނެ. އެއްފަރާތުގައި މިއޮތީ އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ކުރިއެރުމަށް ތާއީދުކުރާ ޓީމެއް. އަނެއް ކޮޅުގައި މިއޮތީ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ވައްކަމާއި ހިޔާނާތުން ފުރިފައިވާ ބައެއްގެ ޓީމެއް،" އިބޫ ވިދާޅުވި އެވެ.

 

އިބޫ ވިދާޅުވީ އެމްޑީޕީން ޕީޕީއެމް ކެނޑިޑޭޓުންނާއި ދޭތެރޭ އެއްވެސް ނަފްރަތެއް ނެތްކަމަށާއި އެމްޑީޕީގެ ނުގަބޫލުކަން އޮތީ ޕީޕީއެމްގެ ސިޔާސަތުތަކަށް ކަމަށެވެ. މިނިވަންކަމާއި ރައްޔިތުން އެދޭ ގޮތަށް ރަށުގެ ކަންކަން ނިންމުމަށް އެމްޑީޕީގެ ތިލަފަތަށް ވޯޓް ދިނުމަކީ އެއްވެސް ދިވެހިރައްޔިތަކަށް އުނދަގޫވެދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ.

 

ލާމަރުކަޒީ ނިޒާމެއްގެ ފޮނިމީރުކަން އެމްޑިޕީގެ ސަރުކާރުގެ ދުވަސްވަރު ރައްޔިތުންވާނީ ފެނިފަކަމަށް އިބޫ ވިދާޅުވިއެވެ.

 

އިބޫ ވިދާޅުވި ލާމަރުކަޒީ ނިޒާމެއްގެ ބޭނުމަކީ ރައްޔިތުންނާއި ގާތުން ހިދުމަތް ކުރުމެވެ. އެގޮތުން އެދާއިރާއެއްގައިހުރި ގުދްރަތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން އެ ދައިރާއެއްގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.

 

"ތާރީހުގެ ތެރެއިން ބަލާލާއިރު މިއަތޮޅަކީ މުއްސަނދި އުފާވެރި ދިރިއުޅުމެއް އުޅުނު ރައްޔިތެއް ދިރިއުޅުނު އަތޮޅެއް. މިރަށަކީވެސް އޭގެ ރަށެއް. ތާރީހުގެ ތެރެއަށްގޮސް ބަލާއިރުގައި މީގެ 60 އަހަރު ނުވަތަ 70 އަހަރުގެ ކުރިއަށް ބަލައިރު ރާއްޖެއަށް ބާނާ މަހުގެ 35 ޕަސެންޓް މަސް ބާނަނީ ޅ. އަތޮޅުން. މި އަތޮޅުން ބާނާ މަހުގެ 70 ޕަސެންޓް މަސް ބާނަނީ މިރަށުން. އެބާނާ މަސް ކައްކާ ހިއްކައިގެން ރާއްޖޭން ބޭރުކުރުމުގެ މިނިވަންކަން އޭރުއޮތް. އެގޮތުން މިރަށުގެ ރައްޔިތުން ބާނާ މަސް ކައްކާ ހިއްކައިން ރާއްޖޭން ބޭރަށް ގެންގޮސް އެވިއްކައިގެން، ރާއްޖޭން ބޭރުން މުދާ ހިފައިގެން ރާއްޖެއައިސް ރަށުގައި އުފާވެރި ދިރިއުޅުމެއް އުޅުނު، މިއީ އަލުގަނޑުމެންގެ ކާބަފައިން އެ މިނިވަންކަން ބޭނުންކުރަމުންދިޔަގޮތް. ނަމަވެސް މިއަދަކު އެ މިނިވަންކަމެއް، އެ ފިޔަފާރި ކުރުމުގެ މިނިވަންކަމެއްވެސް ނެތް" އިބޫ ވިދާޅުވި އެވެ.

 

އިބޫ ވިދާޅުވީ މިހާރު މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ ކަމަށާއި ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާތީ ރައްޔިތުންތިބީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެމްޑީޕީގެ ވިސްނުމަކީ އެގޮތަކަށް ކަންކަން ހިންގުމެއް ނޫން ކަމަށާއި އެމްޑީޕީން ބޭނުންވަނީ ރައްޔިތުން ބާރުވެރި ކުރުވައިގެން ވެރިކަން ކުރުމާއި ރަށްރަށް ތަރައްގީ ކުރުންކަމަށް އިބޫ ވިދާޅުވި އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް