ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 00:59
ގާސިމް ދޫކޮށްލުމަށްގޮވާލާ މާމިގިލީގައި މިއަދު ކުރި މުޒާހަރާ
ގާސިމް ދޫކޮށްލުމަށްގޮވާލާ މާމިގިލީގައި މިއަދު ކުރި މުޒާހަރާ
ޓްވިޓަރ
ގާސިމް ހައްޔަރުކުން
ގާސިމް ދޫކޮށްލުމަށް ގޮވާލާ މާމިގިލީގައި މިއަދުވެސް މުޒާހަރާކޮށްފި
މުޒާހަރާގައި މާމިގިލި ހުރިހާ ރައްޔަތުން ކަހަލަގޮތަކަށް ބައިވެރިވި
ގާސިމް ޖަލުގައި އޮންނެވީ ދިވެހިންގެ ހައްގުގައި: ސަމީރު
މާމިގިލީގައި ފެށި މުޒާހަރާ ނިންމާލާނީ ގާސިމް ދޫކޮށްލުމުން: މުފީދު

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލައި މާމިގިލީގައި ހުކުރު ދުވަހުވެސް މުޒާހަރާކޮށްފި އެވެ.


ގާތްގަނޑަކަށް ތިން ހާސް މީހުންގެ އާބާދީއެއް އޮންނަ، މާމިގިލީގައި ކުރި ބޮޑު މުޒާހަރާގައި، އެ ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބައިވެރިވި ކަމަށް މާމިގިލީ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުފީދު މަޢުލޫމާތުދެއްވިއެވެ. އެއާޕޯޓެއް އަދި ވަށައިގެން ޓޫރިސްޓް ރިސޯޓްތައް އޮންނަ މާމިގިލީގައި ފަށާފައިވާ މުޒާހަރާ ހުއްޓާލާނީ، މުފީދު ވިދާޅުވި ގޮތުގައި ގާސިމް ދޫކޮށްލުމުންނެވެ.

 

ގާސިމްގެ މައްޗަށް ގިނަ ތުހްމަތުތަކެއްކޮށް، އަދި އޭނާއަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށް ބުނެ 15 ދުވަހަށް ދޫނިދޫގައި ހައްޔަރުކޮށްފައިވާއިރު، މާމިގިލީގައި ކުރި މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ އެއީ އެއްވެސް އަސްލެއް ނެތް ސިޔާސީ ތުހްމަތުތަކެއް ކަމަށެވެ. އެހެންވެ، ވަގުތުން ވަގުތަށް ގާސިމް ދޫކޮށްލަން ގޮވާލި އެވެ.

 

މި މުޒާހަރާގައި ބައިވެރިވެ ވަޑައިގެން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ،  ގާސިމް އަރިހަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށާއި، އެ މަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއި ހިތްވަރާއި އެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ޖަލުގެ އެ ކުޑަ ގޮޅިގައި އޮންނަވަން ފަސޭހަފުޅު ނުވާނޭކަމަށާއި، އެމަނިކުފާނު ކުރައްވާ އިހުސާސްތައް ކިޔައިދޭން ތަންކޮޅެއް އުނދަގޫކަމަށެވެ.

 

"އެމަނިކުފާނު ޖަލުގައި އޮންނަވައިގެން އެ ދައްކަވަނީ، ދިވެހި ރައްޔިތުންދެކެ އެމަނިކުފާނު ލޯބިފުޅުވާ މިންވަރު. އެމަނިކުފާނު ޖަލުގައި އޮންނެވީ ދިވެހިންގެ ހައްގުގައި." ސަމީރު ވިދާޅުވިއެވެ. 

 

ސަމީރު ވިދާޅުވިގޮތުގައި ގާސިމް އެ ކުރައްވާ މަސައްކަތްޕުޅަކީ، ގައުމަށް މިއަދު ދިމާވެފައިވާ މުސީބާތަަކުން ސަލާމަތް ކުރުމަށް ކުުރައްވާ މަސައްކަތްޕުޅެކެވެ. އެމަނިކުފާނަކީ މުދަލާއި ފައިސާވެރި ބޭފުޅެއްކަމަށާއި އެހެނިހެން މުއްސަނދީން ފަދައިން މި ގައުމު ދޫކުރައްވާ އަރާމު ދިރިއުޅުމެއް އުޅެއްވޭނެފަދަ ތަނަވަސްކަން ގާސިމްގެ ހުރިކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުކުރައްވަ އެމަނިކުފަނުގެ ހުރިހާ އިންވެސްޓްމެންޓެއް ރާއްޖޭގައި ކުރައްވާ މިގައުމުގައި ދިރިއުޅުއްވުމަކީ، ދިވެހި ރައްޔިތުންނަށް ޓަކައި އެމަނިކުފާނު ކުރައްވާ ކަމެއްކަމަށް ސަމީރު ވިދަޅުވިއެވެ.

 

ސަމީރު ވިދާޅުވިގޮތުގައި، މި އަނިޔާވެރިކަމުގައި ރައީސް ޔާމީނަށް މާގިނަ ދުވަހެއް ދެން ނެތެވެ. އަދި މަޖިލީހުގެ ތެރެއިން ދާދި އަވަހަށް ރައީސް ޔާމީނު ތައުޒީރުކޮށް ގެއަށް ފޮނުވާލާނޭކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ، އެކަމަށް ބޭނުންވާ އަދަދު މިހާރު ހަމަވެ، 47 މެންބަރުންގެ ސޮއިވަނީ ލިބިފައެވެ.

 

މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނެރުއްވި އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައިވެ އެވެ.

 

ގާސިމް އިބްރާހިމް އިސްވެ ހުންނަވައިގެން މ. ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެ ކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަމުން ދާތީ އާއި މި ކަންތައްތަކަކީ މިހާރު ތަހުގީގު ކުރަމުންދާ ކަންތައްތަކެއް ކަމަށް ވާތީ، ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މި ކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެއް ކަމެއް ކަމަށާއި، އަދި ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ފެނުމަކީ ވެސް އޭނާ ހައްޔަރު ކުރަންޖެހޭ ސަބަބެއް ކަމަށް ކޯޓް އަމުރުގައިވެ އެވެ.


ގާސިމް ހައްޔަރުކުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ.

- ކޮމެންޓް