Advertisement
ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 23:38
ޔާމީނަށް އިންސާފު ހޯދައިދނުމަށް ގޮވާލާ ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
ޔާމީނަށް އިންސާފު ހޯދައިދނުމަށް ގޮވާލާ ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
ރާއްޖެ އެމްވީ
ޔާމީން މަރާލުން
ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި
ހަރަކާތުގައި ޔާމީންގެ މަންމައާއި، އާއިލާގެ މެމްބަރުން ބައިވެރިވި
ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ޕެޓިޝަންގައިވެސް ވަނީ ސޮއިކޮށްފަ
ޔާމީންގެ ޤާތިލުން އަތުލައިގަނެ، އިންސާފު ހޯދައިދިނުމަށް އެދި ކޮމިޝަރަ އޮފް ޕޮލިސް އަށް ފޮނުވާ ސިޓީއެއްގައިވަނީ ސޮއިކޮށްފަ

އަނިޔާވެރި، ރަހުމު ކުޑަގޮތަކަށް މަރާލެވުނު، ލިޔުންތެރިޔާ ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ، ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

 

ޔާމީން މަރާލާފައިވަނީ، މިމަހުގެ 23 ވަނަ ދުވަހުގައެވެ. ފުލުހުންގެ އިދާރާއިން އެންމެފަހުން، ހާމަކޮށްފައިވަނީ ޔާމީންގެ ޤާތިލުންނަކީ ކޮބައިކަން އެނގިފައިވާކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

ޔާމީންގެ އައިލާއިންނާއި، އެކުވެރިން ހުކުރު ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ ހަރަކާތުގައި ވަނީ ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފަ އެވެ. އެގޮތުން ޔާމީންގެ ޤާތިލުން އަތުލައިގަނެ، އިންސާފު ހޯދައިދިނުމަށް އެދި ކޮމިޝަރަ އޮފް ޕޮލިސް އަށް ފޮނުވާ ސިޓީއެއްގައިވަނީ ސޮއިކޮށްފަ އެވެ. އޭގެއިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ޕެޓިޝަންގައިވެސް ވަނީ ސޮއިކޮށްފަ އެވެ.

 

ހަރަކާތުގައި ޔާމީންގެ މަންމައާއި، އާއިލާގެ މެމްބަރުން ބައިވެރިވިއިރު، ޔާމީންގެ ގާތް އެކުވެރިޔާ އަދި ގެއްލުވާލާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ އާއިލާގެ މެމްބަރުންވެސް ބައިވެރިވެފައިވެއެވެ.

 

ރާއްޖެޓީވީއާ ވާހަކަދައްކަމުން މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ބައްޕަ ބުނީ، ދައުލަތުގެ އިދާރާތަކުން އެއްވެސް އިންސާފެއް ލިބޭނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ރިލްވާނެ އެކުވެރިޔާ ޔާމީނަށްވެސް އިންސާފެއް ހޯދައިދީފާނެކަމަށް ގަބޫލުނުކުރެވޭކަމަށް އޭނާ ބުނި އެވެ.

 

އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަވާ ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން އެޗްއާރުސީއެމްގެ ކުރީގެ ނައިބް ރައީސް އަދި ޓްރާންސްޕެރޭންސީ މޯލްޑިވްސްގައިވެސް އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ތޮލާލް ވިދާޅުވީ ޔާމީނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި ޔާމީނަށް މަރުގެ އިންޒާރުތަކެއް ތަކުރާރުކޮށްދީ އެ ކަންތައްތައް ރިޕޯޓްކޮށްފައިވާއިރު އެކަމުގައިވެސް ތަހުޤީޤީ އިދާރާތަކުން އެކަށިގެންވާ މަސައްކަތްތަކެއް ނުކުރައްވާކަމަށް ތޮލާލް ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވި ގޮތުގައި ފުލުފުލުގައި އެކި ހަމަލާތައް އާންމުންނަށްދީ، އެތައް ފުރާނެއް ލާއިންސާނީ ގޮތުގައި މަރާލެވި، ގެއްލުވާލެވޭއިރު، އެކަންތައްތައް ހުއްޓުވޭނީ މުޅި މުޖުތަމައު އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެންނެވެ. އަދި އެކަމުގައު ދައުލަތުގެ އިދާރާތަކުންނަށް، ދައުލަތުގެ ބާރުތަކުން ކުރަންޖެހޭ މަސައްކަތް ގިނަކަމަށް ތޮލާލް ވިދާޅުވި އެވެ.

 

ރާއްޖެޓީވީއާ ވާހަކަދައްކަވަމުން ޕޮލިސް އިންޓަގިރިޓި ކޮމިޝަންގެ ކުރީގެ ރައީސް އަދި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝަހިންދަ އިސްމާއިލްވެސް ވަނީ ތޮލާލްގެ ވާހަކަތަކަށް ތާއީދުކުރައްވާފަ އެވެ. ޝަހިންދާ ވެސް ގަބޫލުކުރައްވާ ގޮތުގައި ޔާމީން އިންސާފު ހޯދައިދިނުމަށް ދައުލަތުގެ އިދަރާތަކުން އަދި ފުލުހުންގެ މުއައްސަސާއިންވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ.

 

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޔާމީންގެ ޤާތިލް ފުލުހުންނަށް ހޯދުނު ކަމަކަށްވެސް، އެއީ އެ ދުވަހުގެ ޕްރެސް ކޮންފަރެންސްއަކުން ފުލުހުން އެ ވިދާޅުވި އެއްޗަކުންނެއް އެކަމެއް ސާފެއް ނުވޭ. އެއީ ކޮން ބަޔެއްކަން އެނގުނު ކަމެއްވެސް ސާފެއް ނުވޭ." ޝަހިންދާ ވިދާޅުވި އެވެ.

 

ގިނަ ބަޔަކު ބައިވެރި ހަރަކާތް ނިންމާލާފައިވަނީ، ހަމަހިމޭން ކަމުގެ ސުކޫތަކާއެކުގަ އެވެ. އެ ސުކޫތުގައި ބައެއް ސިޔާސީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް