ކ. މާލެ
|
10 ޖެނުއަރީ 2021 | އާދީއްތަ 09:08
ލ.ފޮނަދޫ ހެލްތް ސެންޓަރު،
ލ.ފޮނަދޫ ހެލްތް ސެންޓަރު،
ލ.ފޮނަދޫ ހެލްތް ސެންޓަރު
ލ.ފޮނަދޫއިން ކޮވިޑް-19ގެ ކޭސްތައް ފެނުން
ލ. ފޮނަދޫއިން ޕޮޒިޓްވި ހަތަރު މީހުންގެ ހާލު ރަނގަޅު: ކައުންސިލް
ފޮނަދޫއަށް އައީ 27 ޑިސެންބަރު 2020 ގައި
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ދަނީ ކުރަމުން
ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭ

ލ. ފޮނަދޫއިން ކޮވިޑް-19ށް ޕޮޒިޓްވި ހަތަރު މީހުންގެ ހާލު ރަނގަޅު ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ފޮނަދޫއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ އަންހެނަކާއި، އޭނާގެ ތިން ދަރިންނެވެ.

ރާއްޖެއެމްވީއަށް އެރަށުގެ އާއްމު ހާލަތާއި ބެހޭ ގޮތުން ކައުންސިލް މެމްބަރު އަހުމަދު ތާހާ ވިދާޅުވީ އެމީހުން ދެއްވަދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު ފޮނަދޫއަށް އައީ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. ރޯގާގެ އަލާމަތްތައް ފެނުމާއެކު ޑޮކްޓަރަށް ދައްކާ ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި، ޕޮޒިޓިވްކަން އެނގުނީ މިމަހުގެ 9 ވަނަ ދުވަހު ކަމަށް ތާހާ ވިދާޅުވިއެވެ.

ތިން ކުދިންނާއި، އެކުދިންގެ މަންމަގެ ހާލު ރަނގަޅުކަން ފާހަގަކުރައްވައި ތާހާ ވިދާޅުވީ އެމީހުން ތިބީ ހޯމް ކަރަންޓީންގައި ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާއިރު، ރޯގާގެ އަލާމާތްތައް ހުރި ދެމީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ތާހާ ވިދާޅުވީ ރަށުގެ އާއްމު ހާލަތު ރަނގަޅު ކަަމަށާއި، މިމަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން މިހާރު ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ބަލިން ރައްކާތެރިވުމަށް ހުރިހާ ރައްޔިތުން ވެސް އިތުރަށް ސަމާލުވެ ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ގއ.ދެއްވަދޫއަށް ދަތުރުކުރުމަށްފަހު އައި ބަޔަކު ޕޮޒިޓިވްވެފައިވާއިރު، އެރަށް މިހާރު އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މިހާތަނަށް 200 ސާމްޕަލް ނަގާފައިވާއިރު، 10 މީހަކު އެރަށުން ޕޮޒިޓިވްވެފައިވެއެވެ.

އެރަށުން ކޭސްތައް ފެނިފައިމިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ޕޮޒިޓިވްވި މީހަކު ނުރަނގަޅު ނަތީޖާއަކާ ގުޅިގެން ދޫކޮށްލެވުމާއި ގުޅިގެންނެވެ. މިހާދިސާ ހިނގި ގޮތް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ދަނީ ބަލަމުންނެވެ.

- ކޮމެންޓް