ގއ. ދެއްވަދޫއިން ލ. ފޮނަދޫ އަށް ދިޔަ ހަތަރު މީހަކު ކޮވިޑްް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް އަށް ޕޮޒިޓިވްވީ ދެއްވަދޫއިން ދިޔަ ހަތަރު މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން އެމީހުން ޓެސްޓު ކުރުމުން ކަމަށެވެ. އެޗްޕީއޭ އިން ބުނީ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ފޮނަދޫއާ އެއްފަސްވެފައިވާ އޮންނަ ލ. ގަން މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ ދެއްވަދޫ އިން ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވީ މިދިޔަ މަހު 24ގަ އެވެ. ކަރަންޓީނުން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. ނަމަވެސް އެންމެ ފުރަތަމަ މައުލޫމާތު ދީފައިވާގިތުގައި ކުއްޖާ އެ ބައްޔަށް ނެގެޓިވް އެވެ. އޭގެ ސަބަބުން މީހުން ކުއްޖާ އަށް ޒިޔާރާތްކޮށް އުޅުނު ފަހުން އެ ކުއްޖާ ޕޮޒިޓިވްކަން އެންގި އިރު ކުއްޖާއާ ކޮންޓެކްޓްވި ބައެއް މީހުންނަށް ބަލި ޖެހިފައި ވެއެވެ.
އޭގެ ފަހުން މިހާތަނަށް އެރަށުން 10 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެރަށް މޮނިޓަރިން އަށް ލައި ބަލީގެ ހާލަތު ބެލުމުގެ ގޮތުން 200 ރެންޑަމް ސާމްޕަލް ވެސް ނަގާފައި ވެއެވެ.