ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 17:54
މިސްކިތެެއް
މިސްކިތެެއް
ގޫގުލް
ހުކުރު ޚުތުބާ
ރިޝްވަތަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނޭ ކަމެއް: ހުކުރު ޚުތުބާ
ކަރަޕްޝަންގެ ސަބަބުން މުޖުތަމައުގެ އަމަން އަމާންކަން ގެއްލޭ

ރިޝްވަތަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވެގެންދާ ކަމެއް ކަމަށާއި ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސް އެޅޭ ކަންކަން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ރިޝްވަތަކީ ތަރައްގީއަށް އޮތް ހުރަހެކެވެ."

ޚުތުބާގައި ބުނެފައިވަނީ ރިޝްވަތަކީ ތިމާއަށް ހައްގު ނޫން ކަމެއް ނުވަތަ ހައްގު ނޫން އެއްޗެއް ލިބިގަތުމަށް ނުވަތަ ތިމާ ކަމަކުން ބަރީއަވެ ސަލާމަތްވެގަތުމަށް ފައިސާ ނުވަތަ އެނޫން ވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ދިނުން ކަމަށެވެ. އަދި މީގެ އިތުރުން ގަވާއިދާ ހިލާފަށް ކަންތައްތައް ނިންމުމަށް ނުވަތަ ކުރުމަށް ދޭ ތަކެއްޗާއި ކެއުމާއި ސައި ހިމެނިގެންދަނީ ރިޝްވަތުގެ ތެރޭގައި ކަމަށެވެ.

ރިޝްވަތު ނުވަތަ ކަރަޕްޝަންގެ ސަބަބުން މުޖުތަމައުގެ އަމަން އަމާންކަން ގެއްލި އެތަށް ބަޔަކަށް ލިބެންޖެހޭ ހައްގުތައް ނުލިބޭ ކަމަށާއި އަނެއް ބައެއްގެ ކަންތައްތައް ލަސްވެގެންދާއިރު އަނެއް ބައެއްގެ ކަންތައްތައް ދުވަހުން ދުވަހަށް ނިމިގެން ދާކަމަށް ހުކުރު ޚުތުބާގައި ބުނެފައި ވެއެވެ.

"ހަމަ އެފަދައިން ތިމާގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ހޯދާ ނުވަތަ ހޯދައިދޭ މަންފާތަކާއި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ވެސް ހަމަ އެހެންމެ ކޮރަޕްޝަނެވެ. އަދި  މީގެ އިތުރުން އަމިއްލަ ފައިދާ ލިބޭގޮތަށް ނުވަތަ އެހެން ފަރާތަކަށް ހުއްދަނޫން މަންފާއެއް ލިބޭގޮތަށް ސަރުކާރުގެ ތަކެތި ބޭނުންކުރުމާއި ސަރުކާރަށް ތަކެތި ހޯދުމާއި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމާއި ތިމާގެ ބެލުމުގެ ދަށުގައިވާ އެހެން ފަރާތެއްގެ އެއްޗެއް އޭގެ ވެރިފަރާތުގެ އިޒުނައާއި ނުލައި ބޭނުން ކުރުމަކީ މަކަރާއި ހީލަތުގެ ވެސް އަމަލެކެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ރަސޫލާ(ސ)ގެ ހަދީސް ފުޅުން މިސާލުދައްކަމުން މީހެއްގެ ހަށިގަނޑުގައި އުފެދިފައިވާ މަހަކީ ރިޝްވަތު ކައިގެން އުފެދިފައިވާ މަސް ނަމަ އެމީހަކަށް އެންމެ އައުލާކަން ބޮޑުވެގެން ވަނީ ނަރަކަ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

އެހެން ކަމުން ރިޝްވަތުގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް ރިޝްވަތު ދޭ މީހުންނާއި، ރިޝްވަތު ހިފާމީހުންނާއި، ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުން ފަހުން ލިބޭ ގެއްލުމާއި ހަލާކު މާ ބޮޑުވާނެކަން ވިސްނާލަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން މިއަދުގެ ހުކުރުހުތުބާގައި ބުނެފައި ވަނީ ތިމާމެންގެ އަނބިދަރީން ނަރަކައަށް އެއްލާލަނީ އަމިއްލަ އަތްތަކުން ކަމަށާއި ހަރާން ތަކެތި ކާން ދިނުމަކީ ދަރީން ބަސްނޭހުމާއި ވިޔާނުދާ އަމަލުކުރުމާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާނޭ ކަމެއް ކަމަށެވެ.  

ހުކުރު ޚުުބާގައި ރިޝްވަތާއި ކޮރަޕްޝަނުގެ މައްޗަށް އަލިއަޅުވާލާފައިވާ މިދަނޑިވަޅަކީ ރާއްޖޭގައި ރިޝްވަތާއި ކޮރަޕްޝަނުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެކެވެ. ހާއްސަކޮށް ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާ އަށް ބޮޑުވެ ދައުލަތުގެ ހާޒާނާ އިން އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނަގާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. 

- ކޮމެންޓް