ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، 2020 ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް މާލެ ސިޓީގައި ބާއްވާ އިންޓަވިއުތައް އޮންނާނީ ޖަނަވަރީ މަހުގެ 10 އިން 14 އަށް، އަދި ޖަނަވަރީ މަހުގެ 19 އިން 21 އަށް ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައި ކަމަށެވެ.
އޭގެ އިތުރުން، ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުތައް އާދިއްތަ ދުވަހުން ފެށިގެން މާލެ ސިޓީގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާތަކުގައި ވެސް ކުރިއަށް ދާނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ވެސް މި އިންޓަވިއުތައް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތައް، އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި އެމްއެންޑީއެފްގެ ހެޑްކްއޯޓަރޒްއިން އެފަރާތްތަކަށް އަންގަމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ސިފައިންގެ ވަޒީފާއަށްއެދި ހުށަހެޅުމުގެ މުއްދަތު، ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާއިރު، ސިފައިންގެ ވަޒީފާއަށް ވަނުމުގެ އުމުރުފުރާ ބަލާ ތާރީޚު ވަނީ ފެބުރުވަރީ 04 ވަނަ ދުވަހަށް ބަދަލު ކުރެވިފައެވެ. ޖަނަވަރީ 01 އިން 31 އަށް ސިފައިންގެ ވަޒީފާތައަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އިންޓަވިއުތައް ފަހުގެ ތާރީޚެއްގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.