ތ. ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމުގެ މަސައްކަތް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.
މިމަސައްކަތްތައް ފައްޓަވާދެއްވާފައިވަނީ، ވޭމަންޑޫގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.
މިމަޝްރޫއާ ބެހޭ ގޮތުން އެމްޑަބްލިޔުއެސްސީއިން ބުނީ ވޭމަންޑޫގެ ނަރުދަމާ މަޝްރޫއުއަކީ މީގެ ކުރިން އެހެން ފަރާތަކާއި ހަވާލުކުރެވިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށެވެ. 04 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މިމަޝްރޫއުގެ މަސައްކަތް ނިމުމުން ވޭމަންޑޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މި މަޝްރޫއުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްފައި ވަނީ 26 އޮކްޓޯބަރު 2020 ގައެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯރކްގެ ނުނިމިވާ 319 މީޓަރުގެ ނެޓްވޯރކް ގާއިމްކުރުމާއި، 98 މީޓަރގެ ޕަންޕިން ލައިން އެޅުމާއި ޕަންޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތާއި، 1 ސީއައުޓް ފޯލް ގާއިމްކުރުމާއި ވޭލް ޗެމްބަރ ބެހެއްޓުމުގެ މަސައްކަތާއި އެސް.ޓީ.ޕީ ބިލްޑިންގ ގެ ނުނިމި ހުރި މަސައްކަތާއި އެސް.ޓީ.ޕީ ގެސިވިލް އަދި އިލެކްޓްރޯމެކޭނިކަލް މަސައްކަތް ހިމެނެއެވެ.
ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށްނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.