ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 09:16
ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި ރައީސް ޔާމީންގެ އަޑުއެހުމުގެ ތެރެއިން
ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި ރައީސް ޔާމީންގެ އަޑުއެހުމުގެ ތެރެއިން
މުހައްމަދު ފަޒީން
ކުރީގެ ރައީސް ޔާމީން
ރ. ފުއްގިރި ހިޔާނާތުގެ މައްސަލަ: ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް މިއަދު
އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު 14:00އަށް
މިއަދު އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުން

އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއާ ގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 14:00 އަށެވެ.

ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއެކެވެ.

މި މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިއަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ކޯޓަށް ހުށަހަޅާފައި ނުވާ ލިޔެކިޔުންތަކެއް ހޯދަން ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގަންނަވާތީ، މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ދިމާވެ، ދައުވާ އިއްވިފައެއްނުވެއެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ފަރާތުން ތަކުރާރުކުރެއްވީ މިމައްސަލާގައި ހިމެނޭ ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާކަމުގެ ޝަކުވާތަކެވެ. ނަމަވެސް މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވަނީ ކޮންމެ އަޑުއެހުމެއްގައި ލިޔެކިޔުންތައް ހަމަނުވާ ވާހަކަ ދައްކަވާތީ އެކަމަށް ހައްލެއް ގެއްނެވުމަށް ދެފަރާތުގެ ކިބައި އެދިލައްވާފަ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ނުލިބޭކަމަށް ވިދާޅުވާ ލިޔެކިޔުންތައްކަކީ، ދައުލަތުން ސިއްރުކުރަން ހުށަހެޅި ލިޔެކިޔުންތަކުގެ އިތުރަށް ކޯޓަށް ހުށަހަޅާފައިނުވާ ލިޔެކިޔުންތަކެއް ކަމަށެވެ.

ގާޒީ ވިދާޅުވީ، ސިއްރުކުރަން ދައުލަތުން ހުށަހެޅާފައިވާ ލިޔެކިޔުންތަކާމެދު ކޯޓުން ގޮތެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާ ލިޔެކިޔުންތަކަކީ މިމައްސަލާގައި ބެލޭނެ ލިޔެކިޔުންތަކަކަށް ނުވާތީ ދިފާއުއަށްވެސް ބޭނުންވާނެ ލިޔެކިޔުންތަކެއް ކަމަށް ދެކިނުލައްވާ ކަމަށެެވެ.

އިތުރަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވީ ބޭންކް ސްޓޭޓްމަންޓްތައް ހިމެނޭ 20 ގަޑިއިރުގެ ސީޑީ ބެލޭނެ އިންތިޒާމު ހަމަޖައްސާ ދެއްވުމަށެވެ. އަދި 15 ދުވަހުގެ މުއްދަތެއް ސީޑީއާއި ލިޔެކިޔުންތައް ދިރާސާ ކުރުމަށް ދެއްވުމަށެވެ. ގާޒީ ވިދާޅުވީ 15 ދުވަސް ދެއްވިދާނެ ކަމަށާއި ނަމަވެސް ދެން އޮންނަ އަޑުއެހުމުގައި ލިޔެކިޔުންތައް ހަމަނުވާ ވާހަކައާއި ލިޔެކިޔުންތައް ދިރާސާ ނުކުރެވޭ ވާހަތައް ދެއްކެވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމާ ހަމައަށް މިމައްސަލާގައި ތިން އަޑުއެހުމެއް ބާއްވާފައިވާއިރު، މުޅިން ވެސް ކުރިއަށް ގެންދެވިފައިވަނީ ލިޔެކިޔުންތައް ހަމަނުވެގެން ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތަކާ ގުޅޭ ކަންކަމެވެ.

ރ. ފުއްގިރި މައްސަލާގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާ ކޮށްފައިވާތީ، އިބްތިދާއީ އަޑުއެހުންތަކަށްފަހު، ޝަރީއަތުގެ އަޑުއެހުންތައް ބޭއްވޭނީ އެ ހުރިހާ ފަރާތްތަކެއްގެ އެއް ހާޒިރެއްގައެވެ.

މި މައްސަލައިގައި ރައީސް ޔާމީންއާއެކު މަނީ ލޯންޑަރ ކުރުމުގައި އުޅުއްވި ކަމުގެ ތުހުމަތުގައި އިތުރު ފަރާތްތަކެއްގެ މައްޗަށްވެސް ދައުވާކޮށްފައިވާއިރު، އޭގެ ތެރޭގައި އެ މަނިކުފާނުގެ އަރިސް ބޭފުޅެއް ކަމުގައިވާ ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކާއި، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ ހިމެނެއެވެ.

މި ދައުވާގައި ބުނެފައިވަނީ ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

- ކޮމެންޓް