ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނެސްފިނަމަ 3 އޭޕްރީލްގައި އިންތިހާބު ބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިހާރު ގާނޫނުގައި ބުނާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވުން އެއީ ނުވާނެ ކަމެއް ކަމަށާއި، އެކަމަކު ރައްޔިތުންގެ މަޖިލީހާއި މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތަކެއް މި ޖަނަވަރީ މަހު ގެނެވި އިސްލާހުތަކަށް އަމަލުކުރަން ފެށިއްޖެނަމަ ލޯކަލް ކައުންސިލް އިންތިހާބު 3 އޭޕްރީލްގައި ބޭއްވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި، އެގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް އިލެކްޝަން ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ.
މަޖިލީހުން ވަރަށް ބޮޑު އެއް ބާރުލުމެއް މިހާ ހިސާބަށް އައިއިރު ވަނީ ލިބިފައި، އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ވަކިން ގުޅުއްވާ އިންތިހާބު ބޭއްވުމަށް އޮތް ގޮތްތައް ބައްލަވާލައްވައިފައި. އަދި ދައުރުން ބޭރުން ޖަލްސާ ބާއްވާ ގާނޫނު އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައި.އިލެކްޝަން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަރީފް
ޝަރީފް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނަސް އިންތިހާބު 3 އޭޕްރީލްގައި ބޭއްވި ކަމުގައި ވިޔަސް އިންތިހާބުގެ ދެވަނަ ބުރު ބޭއްވޭނީ ރަމަޟާން މަހުގައި ކަމަށާއި، އެގޮތުން ދެވަނަ ބުރު މިހާރު ތާވަލް ކުރެވިފައިވަނީ ރަމަޟާން މަހުގެ ފަހު 15 ގައި ބޭއްވުމަށް ކަމަށެވެ.