ކޮވިޑް-19 ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ 37 މީހުން ޕޮޒިޓިވްވެ، އަށް މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ބުދަ ދުވަހު އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، އަންގާރަ ދުވަހުގެ ހަވީރު 06:00ން ފެށިގެން ބުދަ ދުވަހުގެ ހަވީރު 06:00އާ ހަމައަށް ރާއްޖެއިން 2،444 މީހެއްގެ ގައިން ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރެއިން 37 މީހުންގެ ސާމްޕަލް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 26 މީހުން ޕޮޒިޓިވްވެފައިވަނީ މާލޭ ސަރަހައްދުންނެވެ. ރާއްޖެތެރެއިން އެއް މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރާއްޖެއިން ބޭރުން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއިން މިހާތަނަށް 13،967 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 13،225 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. 40 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 687 އެވެ. އަދި މިބަލީގައި ރާއްޖެއިން މިހާތަނަށް 48 މީހަކު ވަނީ ނިޔާވެފައެވެ.