ކ.މާފުށި ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއާ ގުޅިގެން ޚާއްސަ އޮޕްރޭޝަނެއް ފަށައިފިއެވެ.
ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މާފުށި ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއާ ގުޅިގެން ފްރިޒަންސް އޮފިސަރުންނާއި ފުލުހުން ގުޅިގެން ސާރޗް އޮޕްރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.
މިހާރު ކުރިއަށްދާ އޮޕްރޭޝަންއަކަށްވާތީ އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށް އޮފިސަރު ވިދާޅުވިއެވެ.
ސަރޗް އޮޕްރޭޝަނެއް ފަށާފައިވާއިރު، ރާއްޖޭގެ ޖަލުތައް ފުރި، ޖަލުތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން ގައިދީން ބޭތިއްބުމުގެ މައްސަލަތައް ފެންމަތިވެފައިވާއިރު، ޖަލުތަކުގެ ހާލަތު ބެލުމަށް ފަހު ޖަލު އޮޑިޓް ރިޕޯޓެއް ނެރެފައިވެއެވެ. އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ޖަލުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޖަލުތަކުގައި ގައިދީންނަށް ބޮޑެތި މައްސަލަތައް ހުރިކަމާއި، އެގޮތުން ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކަށް ދެވޭ ޚިދުމަތުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ޕެރޯލް އަދި ކްލެމެންސީ ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި ޤައިދީން އަނބުރާ މުޖުތަމައަށް ނެރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.