ލޯކަލް ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަށްޓަކައި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ދައުރުން ބޭރުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނައިރު، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިހާބު ފަސްކުރީ ގާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހަކީ އިންތިހާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީހުކަމަށް ބަޔާންކުރުމަށްފަހުގައެވެ. ނަމަވެސް އިންތިހާބު ބާއްވަން އޮތް އެންމެ ބޮޑު ހުރަހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ވާއިރު، އެ ހާލަތުން އަރައިގަނެވޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސި ތާރީހަކި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހެވެ. ނަމަވެސް ރާއްޖެއިން ކޮވިޑް-19 އަލާމަތްތައް ފެނުމުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ އިއުލާންކުރުމާއި ގުޅިގެން ކައުންސިލް އިންތިހާބު ވަނީ ފަސްކޮށްފައެވެ.
ކައުންސިލް އިންތިހާބު ފަސްކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު އިލެކްޝަނުން މަސައްކަތްކުރަމުން އައީ މި މާޗް މަހު އިންތިހާބު ބާއްވާށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރި 3 އަށް އިތުރުކުރުމުން އިލެކްޝަނުން ވަނީ މާޗް މަހުގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައެޅިފައިވާ ތާރީހަށް ބޭއްވުމަށް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށާއި އެގޮތުން އެކަން ކުރެވެން އޮތީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކަމަށެވެ.
އާޒިމް ވިދާޅުވީ، މިހާރު އެކަމާ މަޝްވަރާ ކުރަމުންދާއިރު، ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އަދި ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް މި މަހުގެ ތެރޭގައި ޖަލްސާ ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު އަވަހަށް ބާއްވަން ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ މިހާރު އެކަން ކުރުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.
ކައުންސިލް އިންތިހާބު ބޭއްވުމުގައި ދިމާވަމުން އަންނަ ހުރަސްތަކާ ގުޅިގެން ގާނޫނު އިސްލާހު ކުރުމަށް އިލެކްޝަން ކޮމިޝަނުން ވެސް ވަނީ ގޮވާލާފައެވެ.