އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ހިންގަން ފެށުމުން ކ. މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން އެކަން ބަޔާން ކޮށްފައިވަނީ ޖިނާއީ މައްސަލަތަކުގައި ތަހުގީގަށް ބަންދުކުރެވޭ މީހުންނާއި، ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންނާ ގުޅޭގޮތުން ޕީޖީ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓުގައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެސްފައިވާ ދެވަނަ އިސްލާހުގެ ދަށުން ޤާނޫނީ ނިޒާމުގެ ތެރެއިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްކޮށް މައްސަލަ ހުށަހެޅިފައިވާ ނިޒާމެއް ގާއިމުވެފައިވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، އެ އިސްލާހުގެ ދަށުން ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ހިންގުން ކުރިއަށްވުރެ އަވަސްވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް، ބައެއް ރަށްރަށުގެ ކޯޓުތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން އެފަދަ ކޯޓުތަކުގެ ޝަރީއަތްތައް ހިންގުމުގައި ދަތިތަކެއް ހުރިކަން ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ހިންގާ ޝަރީއަތުގެ މަޖިލީހެއްގައި ކުށަށް އިއުތިރާފުވެއްޖެނަމަ ދެން މައްސަލަ ކުރިއަށް ގެންދެވޭނީ އެ މީހަކު ހާޒިރު ކޮށްގެންކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، އެހިސާބުން އެ މައްސަލަ ކުރިއަށްދިޔަ ކޯޓުން މައްސަލަ އަނބުރާ ނެގުމަށްފަހު، އެ މީހަކު ހުރި ރަށެއްގެ ރަށު ކޯޓަށް ހުށަހަޅަންޖެހޭ ކަމަށެވެ. އެއާއެކު މާފުށީ ޖަލުގައި އެކި މައްސަލަތަކާ ގުޅިގެން ތިބި މީހުންވެސް ކުށަށް އިއުތިރާފުވުމުން ދެން އެ މައްސަލަ ހުށަހަޅަންޖެހެނީ މާފުށީ މެޖިސްޓްރޭޓް ކޯޓަށްކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، އެކަމުގެ ސަބަބުން މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، މާފުށީ މެޖިސްޓްރޭޓް ކޯޓު އިތުރަށް ފުޅާކޮށް، ވަސީލަތްތައް އިތުރުކުރުމާ ގުޅޭގޮތުން ޕީޖީ އޮފީހާއި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެމެދު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ވަސީލަތްތައް އިތުރުކުރުން ވެގެންދާނީ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތައް އަވަހަށް ނިންމާލުމަށް ކޮށާލެވޭނެ މަގެއްކަން ޕީޖީ އޮފީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ރިޕޯޓު ޕީޖީ އޮފީހުން ތައްޔާރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނިމިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައިގެންނެވެ. އެގޮތުން މިއީ މި ސިލްސިލާގެ ދަށުން ޕީޖީ އޮފީހުން 2020 ވަނަ އަހަރު ހުށަހަޅާފައިވާ ދެވަނަ ރިޕޯޓެވެ.