ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 04:36
ކަނޑުވެ މަރުވި އިންޑިއާ މީހެއްގެ ހަށިގަނޑު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސަށް އަރުވަން ގެންދަނީ
ކަނޑުވެ މަރުވި އިންޑިއާ މީހެއްގެ ހަށިގަނޑު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސަށް އަރުވަން ގެންދަނީ
ރާއްޖެ އެމްވީ
ބޮޑު އޮޕަރޭޝަނެއް
އަޑިއަށް ދިޔަ ދޯނީގެ ކެޕްޓަން އަތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި
ދޯނީގެ ކެޕްޓަނަކީ ރ. ކަނދޮޅުދޫ، އުމުރުން 60 އަހަރުގެ އަލީ މޫސާ
ކަނާތުގެ ނާރުތައް ހުރީ ހަލާކުވެފައި
ހަތް ގަޑިއިރުގެ އޮޕަރޭޝަނެއް ކުރި

އަޑިއަށް ދިޔަ ދޯނީގެ ކެޕްޓަންގެ އަތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.

 

ރ. އަތޮޅުގައި ތަރައްގީކުރާ އާރަށް ރިސޯޓަށް މުދާ ހިފައިގެން ދިޔަ ޕްރިންސަސް ދޯނި، ކ. އަތޮޅު ރީތިރަށް ރިސޯޓް ކައިރީ އޮންނަ "ހިތްމިޔަ" ފަރުގައި ޖެހި އަޑިއަށް ދިއުމުގެ ހާދިސާގައި، އެ ދޯނީގައި ތިބި އިންޑިއާގެ ދެ ރައްޔިތަކު ކަނޑުވެ މަރުވި އެވެ. އެއީ އެލިއާ ކޮންސްޓްރަކްޝަންގެ ދެ މުވައްޒަފުންނެވެ.

 

މި ހާދިސާގައި ދޯނީގެ ކެޕްޓަން ރ. ކަނދޮޅުދޫ، އުމުރުން 60 އަހަރުގެ އަލީ މޫސާގެ ކަނާތް ވަނީ ވަރަށް ބޮޑަށް ޒަހަމްވެ، ނާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް، އޮޑިވެރިޔާ އިބްރާހިމް ޝަފީގު ބުންޏެވެ. ޝަފީގު ބުނި ގޮތުގައި، އަލީގެ އަތުގެ ލޭ މަނާކުރުމަށާއި ހަލާކުވެފައިވާ ނާރުތައް ރަނގަޅުކުރުމަށްޓަކައި އައިޖީއެމްއެޗްގައި ހަތް ގަޑިއިރުގެ އޮޕަރޭޝަނެއް ކުރި އެވެ.

 

"ލޭ މަނާ ނުވެގެން އޮޕަރޭޝަނަށް ވެއްދީ ހަވީރު 4:00 ހާއިރު، އޮޕަރޭޝަނަށް ފަހު އަލިބެ ނެރުނީ ރޭގަނޑު 11:00 ހާއިރު. މިހާރު އަލިބެ ވާހަކަ ވެސް ދައްކާ،" ޝަފީގު ބުންޏެވެ.

 

އަލީގެ އަތް ހަލާކުވެ ބޮޑު ޒަހަމެއް ލިބުނީ، ޝަފީގު ބުނި ގޮތުގައި، ދޯނި އަޑިއަށް ދަނިކޮށް ގެގަނޑުގެ ތެރެއިން ނުކުންނަން އުޅެނިކޮށެވެ.

 

 

"ދޯނި އަޑިއަށް ދާންފެށުމުން، ގެގަނޑުގެ މަތީގައި ހުރި ބިއްލޫރި ކުޑަ ދޮރެއް ހަލާކު ކޮށްލައިގެން އަލިބެ ނުކުތީ. ނޭނގެ، މޮހަރެއްގައި އަޅައިގަނެގެން ކަމެއް ނުވަތަ އެހެން، އެއްޗެއްގައި އަޅައިގަނެގެން ކަމެއް ޒަހަމްވީ،" ޝަފީގު ބުންޏެވެ

 

ޝަފީގު ބުނި ގޮތުގައި އޭނާގެ 85 ފޫޓްގެ ދޯނި ތިލަކުރުމަށްޓަކައި މަސައްކަތް ވަނީ ފަށައިފަ އެވެ. ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ދޯނި އިންޝުއަރެންސް ކުރެވިފައި ނެތުން ކަމަށް އޭނާ ބުންޏެވެ. 

- ކޮމެންޓް