ޗައިނާގެ ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ ކަމަށް ރިޕޯޓް ކުރަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖެކް މާ އެންމެ ފަހުން އާންމުނަށް ފެނިފައިވަނީ މިދިއަ ނޮވެމްބަރު މަހު މެދު ތެރޭގައެވެ. އަދި އޭނާގެ ފައުންޑޭޝަނުން ބާއްވާ އެފްރިކާސް ބިޒްނަސް ހީރޯސްގެ ފިނާލޭ އެ މަހު ބޭއްވިއިރު، ޖެކް މާ މި ޝޯވގައި ޖަޖެއްގެ ހައިސިއްޔަތުން ބައިވެރިވެފައެއް ނުވެއެވެ. މީގެ ކުރިން ޖެކް މާއަކީ މި ޝޯވގައި ބަރާބަރަށް ބައިވެރިވަމުން އަންނަ ފަރާތެކެވެ.
ޖެކް މާ ގެއްލުވާލާފައިވާ އަޑުތަކެއް ފެތުރިފައިވާއިރު، ޖެކް މާގެ ކުންފުނި އަލިބާބާގެ ތަރުޖަމާނު ވިދާޅުވީ ޖެކް މާ ޝޯވގައި ބައިވެރިނުވީ މިއަހަރުގެ ޝޯވގައި ބައިވެރިވުމަށް ވަގުތު ނުލިބުމުން ކަމަށެވެ. އަދި މިކަމަށް ދޭނެ އިތުރު ޖަވާބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއިން ވަނީ ޖެކް މާ ވަގަށް ނަގައިފައެވެ. މީގެ ކުރިންވެސް ޗައިނާގެ ސަރުކާރާއި ޖެކް މާއާއި ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ޖެކް މާ އަންނަނީ ޗައިނާގެ ފައިނޭންޝަލް ރެގިއުލޭޓަރީ ސިސްޓަމުން އީޖާދީ އުފެއްދުންތެރިކަމަށް ހުރަސް އަޅާ ކަމަށް ބުނެ ފާޅުގައި އެ ސިސްޓަމަށް ފާޑު ކިޔައިފައެވެ. އެއާއިއެކު ޗައިނާގެ ސަރުކާރުން ވަނީ އެގައުމުގެ އޭންޓް ބޭންކިން ހިދުމަތުގެ ގަވާއިދުތައް ހަރުކަށި ކޮށްފައެވެ.