ކައުންސިލް އިންތިހާބުގުގައި ވޯޓު ފޮށިތަކުގެ ވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމަށާއި، ބައެއް ވޯޓު ފޮށިތަކާއި ހަވާލުވެ ތިބީ ޕީޕީއެމްގެ އެކްޓިވިސްޓުންކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ކައުންސިލް އިންތިހާބަށް ކުރަމުންގެންދާ ކެމްޕޭންގައި ނ. މިލަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގައިވެސް ތަމްސީލްކުރައްވަމުންގެންދަވާ އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބް އަލީ ނިޔާޒް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެކަން އެނގޭކަމަށެވެ. އިލެކްޝަންސް ކޮމިޝަން މިހާރު އެތުރިފައިވާ ގޮތުންވެސް އެފަދަ އިންތިހާބެއް ނުލިބޭނެކަން ކަށަވަރުވާ ކަމަށް އަލީ ނިޔާޒް ވިދާޅުވި އެވެ.
އެ މޭރުމުން ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓާރސް ލިސްޓަކީ އެމްޑީޕީން ގަބޫލުކުރާ ލިސްޓެއް ނޫން ކަމަށެވެ. އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ނިޔާޒް ވިދާޅުވި އެވެ. އޭގެއިތުރުން ސަރުކާރުން ބޭނުންވާގޮތަށް ވޯޓު އަނބުރާލުމަށްޓަކައި، ވޯޓު ފޮށިތަކާއި ހަވާލުވެ ތިއްބަވާ ވެރިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންގެންދާކަމަށް އަލީ ނިޔާޒް ވިދާޅުވި އެވެ. އެގޮތުން ބައެއް ވޯޓު ފޮށިތަކުގެ ވެރިންގެ ގޮތުގައި ތިބީ ޕީޕީއެމް އެކްޓިވިސްޓުންކަމަށާއި، އެކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށް އަލީ ނިޔާޒް ވިދާޅުވި އެވެ.
"އެގޮތުން އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި ބައެއް ވޯޓު ފޮށިތައް. މިސާލަކަށް ފުވައްމުލަކު ވޯޓު ފޮށީގެ ވެރިޔަކަށްލާފައި ހުންނެވި ބޭފުޅާ. އެއީ އަޅުގަނޑުމެން ގަބޫލުކުރާނެ ފަދަ ބޭފުޅެއް ނޫން. އެކަން ވާނީ އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށްވެސް ގެނެސްފައި." އަލީ ނިޔާޒް ވިދާޅުވި އެވެ.
އަލީ ނިޔާޒް ވިދާޅުވީ އިންތިހާބު މިނިވަން ނޫންއިރުވެސް، އިންތިހާބުގައި ވާދަކުރުމަށް ނިންމީ ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން ޕާޓީގެ މެމްބަރުންނަށްޓަކައި ކަމަށެވެ. އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއްކަން ކަށަވަރުކުރުމަށް އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންގެންދާނެކަމަށް ނިޔާޒް ވިދާޅުވި އެވެ.