ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ބްރާންޗުތަކުގެ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓު 100 ޑޮލަރަށް ދަށްކޮށްފިއެވެ.
އެސްބީއައިން އެ ބޭންކްގެ ކަސްޓަމަރުންނަށް ފޮނުވި މެއިލްްގައި ވާގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 އިން ފެށިގެން ރާއްޖެއިން ބޭރުގައި މަހެއްގެ މައްޗަށް ވިޔަފާރި މުއާމަލާތް ކުރެވޭނީ 100 ޑޮލަރަށެވެ. މީގެ ކުރިންވެސް އެ ބޭންކުން ވަނީ މަހެއްގެ މައްޗަށް މުއާމަލާތް ކުރެވޭ ލިމިޓް 250 ޑޮލަރަށް ބަދަލުކޮށްފައެވެ.
ރާއްޖޭގައި ހިންގަމުންދާ ބޭންކްތަކުން މިފަދަ ބަދަލު ގެންނަން ނިންމާފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދަށަށް ގޮސް ބޭރު ފައިސާގެ ތާށިކަން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވުމާއި ގުޅިގެންނެވެ. އެގޮތުން މީގެ ކުރިން ބީއެމްއެލް އިންވެސް ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް ދަށްކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 19 ރުފިޔާއިން މަތީގައި ހުރި ނަމަވެސް، މިދިޔަ ހަފުތާއިން ފެށިގެން މި އަދަދު ވަނީ ދަށްވާން ފަށާފައެވެ. އެގޮތުން އާދީއްތަ ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގުހުރީ 17 ރުފިޔާ އާއި 18 ރުފިޔާއާ ދެމެދުގައެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުނު މައިގަނޑު ސަބަބަކީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައުމެވެ. އެހެން ނަމަވެސް މިހާރު ދުވަހެއް ދުވަހަކަށް ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ސަރުކާރުން ވަނީ ރިސޯޓުތަކުގެ އިތުރުން ގެސްޓް ހައުސްތައް ހިންގުމުގެ ހުއްދަވެސް މިހާރު ދީފައެވެ.
ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިކަމުގެ ތެރޭގައި ބިދޭސީންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިކަމަށް ސަރުކާރަށް މިހާތަނަށް އެކަށޭނެ ފިޔަވަޅެއް އަޅާފައިނުވާއިރު، ވައިބާ ގްރޫޕުތަކާއި ޓެލެގްރާމް ގްރޫޕުތައް މެދުވެރިކޮށް މި ވިޔަފާރި ފުޅާކުރާ މީހުންވެސް އުޅެއެވެ.