އިސްރާއީލުން އެގައުމުގެ އާބާދީގެ 12 އިންސައްތަ މީހުނަށް ވެކްސިން ދީފި ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިސްރާއީލުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ 1 މިލިއަން މީހުނަށްވުރެ ގިނަ މީހުނަށް ވެކްސިން ދީފައިވާ ކަމަށެވެ. މިއާއިއެކު އިސްރާއީލް ވެގެން ގޮސްފައިވަނީ ދުނިޔޭގެ ގައުމަކުން އާބާދީގެ 12 އިންސައްތަ މީހުނަށް ކޮވިޑްގެ ވެކްސިން ދިން ފުރަތަމަ ގައުމަށެވެ.
އިސްރާއީލުން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުމުގެ ކުރިން އެގައުމުގެ އާބާދީގެ 45 އިންސައްތަ މީހުނަށް ކޮވިޑްގެ ވެކްސިން ދޭނެ ކަމަށް ބުނެފައެވެ.
އިސްރާއީލުން ކޮވިޑްގެ ވެކްސިން އެގައުމުގެ އާންމުންނަށް ދޭން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެސްޓްރާޒެނެކާގެ ވެކްސިން ދިނުމުގެ ހުއްދަ އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ދިނުމާއިއެކު އިސްރާއީލުން ވަނީ 3 މިލިއަން ވެކްސިން ގަނެފައެވެ.
އެގައުމަށް މިހާތަނަށް ލިބުނީ 1.8 މިލިއަން ވެކްސިން ޑޯޒެވެ. މި މަހުގެ 10 ވަނަ ދުވަހު އިތުރު 1 މިލިއަން ޑޯޒްގެ ވެކްސިން ސިޕްމަންޓެއް އެގައުމަށް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވެކްސިން ހޯދުމުގައި އިސްރާއީލަށް އެމެރިކާ ސަރުކާރުގެ އެހީ ލިބިފައިވެއެވެ. އެގޮތުން އެމެރިކާއިން ވަނީ އިސްރާއީލަށް 300 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައެވެ.