އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 މިލިއަން ފަހަނައަޅައި ގޮސްފިއެވެ.
ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެމެރިކާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 20 މިލިއަން ފަހަނައަޅައި ގޮސްފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް 20 މިލިއަން ހަލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެމެރިކާގެ 3 ސްޓޭޓް ކަމަށްވާ ކޮލޮރާޑޯ، ކެލިފޯނިއާ އަދި ފްލޮރިޑާއިން ދާދި ފަހުން ވަނީ ކޮވިޑުގެ އައު ވޭރިއަންޓް ފެނި، ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެމެރިކާއިން މިހާތަނަށް ތިންލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު، ހަމައެކަނި ނިމިދިޔަ ޑިސެމްބަރު މަހު އެކަނިވެސް 78،000 މީހުން މަރުވެފައިވެއެވެ. އެއާއެކު، އެ ޤައުމުގައި މަރުވާ މީހުންގެ އަދަދުތައް ކޮންޓްރޯލް ކުރުމަށް ވެކްސިން ޕްރޮގްރާމްވެސް މިހާރު ވަނީ އިތުރަށް ފުޅާ ކޮށްފައެވެ.
އެމެރިކާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5 މިލިއަނަށް އަރާފައިވަނީ 200 ދުވަހުންނެވެ. އަދި 5 މިލިއަނުން 10 މިލިއަނަށް ކޭސްތަކުގެ އަދަދުތައް އިތުރުވާން 93 ދުވަސް ނަގާފައިވާއިރު، އެ އަދަދު 20 މިލިއަނަށް އަރާފައިވަނީ އެންމެ 71 ދުވަހުންނެވެ.
މުޅި އެމެރިކާއަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ކެލިފޯނިއާއިންނެވެ. އެގޮތުން ހަމައެކަނި ކެލިފޯނިއާއިންވެސް 2.2 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ޓެކްސަސްއިން 1.7 މިލިއަން އަދި ފްލޮރިޑާއިން 1.3 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.
ނިމިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި އެމެރިކާގައި ފެންނަމުންދިޔަ ކޭސްތަކުގެ އަދަދުތައް ޕީކަށް އަރާފައިވާއިރު، އޭރު ދުވާލެއްގެ މައްޗަށް 218،000 ކޭސް ރިޕޯޓު ކުރާކަމަށް ރޮއިޓަރސް އިން ބުނެއެވެ. އަދި މިހާރު ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތަކުގެ އަދަދު އުޅެނީ 186،000 ގައި ކަމަށްވެސް އެމެރިކާގެ ސިއްޙަތާބެހޭ އޮފިޝަލުންނާ ޙަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އޭގެ އިތުރުން، ހޮސްޕިޓަލުތަކުގައި ފަރުވާދޭ މީހުންގެ އަދަދުވެސް 25%ށް އިތުރުވެފައިވާއިރު، މިވަގުތުވެސް 125،000ށް ވުރެ ގިނަ މީހުންނަށް އެމެރިކާގެ ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.