އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް މިއަދު ރިޓަޔާ ކުރައްވައިފިއެވެ.
ފައިރޫޝް ރިޓަޔާކޮށް އެކަމުގެ ލިޔުން ހަވާލުކުރާ ފޮޓޯއާ އެކު ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ފައިރޫޝް ފުލުހުންގެ އިދާރާއަށް ކޮށްދެއްވާފައި ވަނި އަގުނުކުރެވޭ ހިދުމަތްތަކެއް ކަމަށެވެ. އަދި އެކަމަށް ޝުކުރުއަދާ ކުރައްވާ ފައިރޫޝް އަށް ކާމިޔާބީ އަށް އެދިފައި ވެއެވެ.
ފައިރޫޝް ރިޓަޔާ ކުރެއްވިކަން އާންމުކުރެއްވި ނަމަވެސް ރިޓަޔާކުރެއްވި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ބޭފުޅާ އެވެ. އޭގެ ފަހުން އޭނާ ރާއްޖެއިން ބޭރުގައި ކިޔަވާ ވިދާޅުވާން ހުންނަވަނިކޮށް 2017 ވަނަ އަހަރު އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ. އޭރު އޭނާ ވަކިކުރީ އޭރުގެ ސަރުކާރާ ބެހޭގޮތުން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2019 ވަނަ އަހަރު ފައިރޫޝްއަށް އަނެއްކާވެސް ފުލުހުންގެ ވަޒީފާ ދީފައިވާއިރު އޭނާ އަށް ވަޒީފާ ދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ކުރިން ވެސް ހުންނެވި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދެއްވާފަ އެވެ.