އއ. އުކުޅަހުން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ޕޮޒިޓިވްވީ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކާއި 41 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ދެމީހުންނަކީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އެ ރަށަށް ދިޔަ ބައެއް ކަމަށް ވިދާޅުވި އެވެ. ޝައުކަތު ވިދާޅުވީ އެ މީހުން ޕޮޒިޓިވްކަން އެނގުނީ ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިން ހެދި ކޮވިޑް-19 ޓެސްޓުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާފައިވާއިރު ކޮންޓެކްޓުންގެ ގޮތުގައި އާންމުންގެ ތެރެއިން އެއްވެސް ބަޔަކު ނުހިމެނެ އެވެ. ކޮންޓެކްޓުންނަށް ފެނިފައިވަނީ އެމީހުންނާ އެކު ރާއްޖެ އައި އެ އާއިލާގެ އިތުރު ތިން މީހަކު ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަނދުކުރުމަށް ފަހު ބޯޑަރު ހުޅުވާލީ މިދިޔަ ޖުލައި މަހުގައެވެ. އޭގެ ފަހުން ލޯކަލް ޓޫރިޒަމަށް ރަށްތައް ހުޅުވާލީ އޮކްޓޯބަރު މަހު އެވެ. ބޯޑަރު ހުޅުވި ފަހުން މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހާ ހަމައަށް 94،543 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އޭގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 207 ޓޫރިސްޓުންނެވެ.
ލޯކަލް ޓޫރިޒަމަށް ރަށްތައް ހުޅުވާލި އިރު ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީން ހަމަކުރާކަށް ނުޖެހެއެވެ. އެކަމަކު ރާއްޖެ އާދެވެނީ ކޮވިޑް-19ގެ ނެގެޓިވް ނަތީޖާއާއި އެކުގައެވެ.
ލޯކަލް ޓޫރިޒަމް އަށް ހުޅުވާފައިވާ ރަށްރަށުގައި އާންމުން ވެސް މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި އެ ރަށްރަށުން ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ބޭނުންތަކަށް ނޫނީ އެހެން ރަށްރަށަށް ދަތުރުކުރުމަކީ ވެސް މަނާ ކަމެކެވެ.
ލޯކަލް ޓޫރިޒަމަށް ހުޅުވާލިތާ ދެމަސްވެފައިވާއިރު އަދި މިހާތަނަށް އެއްވެސް ރަށަކުން ކޮވިޑް-19 ގެ ބޮޑު ކުލާސްޓާއެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް ބައެއް ރިސޯޓުތަކުގައި މިފަދަ ބޮޑު ކުލާސްޓާތައް ފެނިފައި ވެއެވެ.