ސައުދި އަރަބިއްޔާއިން ވެކްސިން ދިނުމުގެ ފުރަތަމަ މަރުހަލާގައި ވެކްސިން ދިނުމަށް ނިންމާފައިވާ ހުރިހާ ފަރާތްތަކަށް މިހަފްތާ ތެރޭގައި ވެކްސިންދީ ނިމޭނެ ކަމަށް އެގައުމުން ބުނެފިއެވެ.
އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އަދި ޖަރުމަނުގެ ކުންފުނި ބައޯއެންޓެކް އިން ގުޅިގެން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންނަށް ސައުދީ އިިން ހުއްދަދީފައިވާއިރު، އެގައުމުގައި ރައްޔިތުންނަށް ވެކްސިން ދޭން ފަށާފައިވަނީ 17 ޑިސެންބަރުން ފެށިގެންނެވެ.
ވެކްސިން ދިނުމުގެ ޕްރޮގްރާމްއާ ބެހޭ ގޮތުން ސައުދީ ގެޒެޓްގައި ބުނެފައިވަނީ ފުރަތަމަ މަރުހަލާގައި ވެކްސިން ދިނުމަށް ނިންމާފައިވާ ހުރިހާ އެންމެނަށް މިހަފްތާ ތެރޭގައި ވެކްސިން ދީ ނިމެނޭ ކަމަށެވެ.
ހެލްތް މިނިސްޓަރު ޑރ.ތައުފީގު އަލް ރާބިހް ވިދާޅުވީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ ކްލިނިކްތައް އޮޕަރޭޓް ކުރަން ފެށުމާއެކު ދުވާލަކު 50،000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ.
ތިން މަރުހަލާއަކަށް ބަހާލައިގެން ސައުދީގައި ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މަރުހަލާގެ ދަށުން ވެކްސިން ދިނުމުގައި އިސްކަން ދެނީ ހައިރިސްކް ކެޓަގަރީގެ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އިތުރުން އުމުރުން 40 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑީ މާސް އިންޑެކްސް މަތި މީހުންނާއި ބަރުދަން އިތުރުވުމުގެ މައްސަލަ ދިމާވެފައިވާ މީހުން އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން ހަށިގަނޑުގެ ގުނަވަން ބަދަލުކުރުމަށް ސާޖަރީކޮށްފައިވާ ފަރާތްތަކާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި ސްޓްރޯކެއް ޖެހިފައިވާ މީހުންނަށް އިސްކަންދެވޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.
ސައުދީ ސަރުކާރުން ބުނީ ދެވަނަ މަރުހަލާގެ ދަށުން ވެކްސިން ދިނުމުގައި އިސްކަންދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި ދާއިމީ ބަލިތަކަށާއި ކެންސަރަށް ފަރުވާހޯދަމުންދާ ފަރާތްތަކަށާއި ފުރަތަމަ ބުރުގެ ދަށުން ވެކްސިން ދެވިފައިނުވާ ސިއްހީ އެހީތެރިންނަށް ކަމަށެވެ. ތިންވަނަ މަރުހަލާގެ ދަށުން ސައުދީ ސަރުކާރުން ވެކްސިން ދޭން ނިންމާފައި ވަނީ ފުރަތަމަ ދެ މަރުހަލާގައި ވެކްސިން ޖަހާފައިނުވާ ފަރާތްތަކުގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށެވެ.
ސައުދީއަށް މިއަހަރުގެ މެއި މަހުގެ 21 ގެ ނިޔަލަށް ވެކްސިންގެ 3 މިލިއަން ޑޯޒް ފޯރުކޮށް ދިނުމަށް ފައިޒަރ އަދި ބައޯއެންޓެކް އިން ވަނީ އެއްބަސްވެފައެވެ.