އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިންޑިއާއިން ދީފިއެވެ.
ނަން ހާމަ ނުކުރުން އެދި ރޮއިޓަރސްއަށް މައުލޫމާތު ދިން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަކާ ޙަވާލާދީ އެ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ހުކުރު ދުވަހު އިންޑިއާގެ ޑްރަގް ރެގިއުލޭޝަނުން ވަނީ ރަސްމީކޮށް އެސްޓްރަޒެނެކާގެ ވެކްސިނަށް ހުއްދަ ދީފައެވެ. އެއާއެކު، އަންނަ ބުދަ ދުވަހު ވެކްސިން ޖެހުމުގެ ކަންކަން އެ ޤައުމުގައި ފެށިގެންދާނެ ކަމަށް ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވެއެވެ.
އެއާއެކު، އިންޑިއާ ވެގެން ގޮސްފައި މިވަނީ އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިނަށް ހުއްދަ ދިން 3 ވަނަ ޤައުމަށެވެ. އެގޮތުން މީގެ ކުރިން އިނގިރޭސިވިލާތާއި، އާރޖެންޓީނާއިންވެސް ވަނީ އެސްޓްރަޒެނެކާގެ ވެކްސިނަށް ހުއްދަ ދީފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެސްޓްރަޒެނެކާ ވެކްސިންގެ އިތުރުން، ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިނާއި، ބާރަތް ބައޯޓެކްގެ ވެކްސިން ބޭނުން ކުރުމަށް ހުއްދަ ދިނުމަށްވެސް އެ ޤައުމުގެ ޑްރަގް ރެގިއުލޭޝަނުން ދަނީ މަޝްވަރާތައް ކުރަމުންނެވެ.
ވެކްސިން ރޭހުގައި އުޅޭ އެހެން ވެކްސިންތަކާ އަޅާކިޔާއިރު، އެސްޓްރަޒެނެކާގެ ވެކްސިންގެ އަގު ހެޔޮ ކަމަށާއި، ވެކްސިން ރައްކާ ކުރަންވެސް ފަސޭހަކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އެގޮތުން އާންމު ރެފްރިޖްރޭޝަން ފިނިހޫނުމިނުގައި މި ވެކްސިން ރައްކާ ކުރެވޭއިރު، ބައެއް އެހެން ވެކްސިންތައް ރައްކާ ކުރުމަށް ތަފާތު އެކި ފިނިހޫނުމިނުގެ ސްޓޯރޭޖް ފެސިލިޓީތައް ތައްޔާރު ކުރަން ޖެހޭކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާއިން މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް، ސެޕްޓެމްބަރު މަހުގެ މެދު ތެރޭގައި އެ ޤައުމަށް އައި ޕީކް ދުވަސްވަރަށްފަހު، އެ ޤައުމުގެ ކޭސްތަކުގެ އަދަދުތައް ދަށްވަމުންދާ ކަމަށް ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވެއެވެ. އަދި އިންޑިއާއިން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ފަހު ކުއާޓަރާ ހަމައަށްދާއިރު، އެ ޤައުމުގެ 300 މިލިއަން މީހުންގެ އާބާދީއަކަށް ވެކްސިން ޖެހުމަށެވެ.