ތުރުކީވިލާތުން ރަޝިއާއާއިއެކު އަސްކަރީ ގުޅުން ބަދަހި ކުރަން ނިންމާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
ރަޝިއާގެ އެސް 400 މަރުކާގެ ވައިގެ ދިފާއީ ނިޒާމު ގަތުމުން ތުރުކީއާއި ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު މީގެ ކުރިން އަޅާފައެވެ. އެހެން ނަމަވެސް ތުރުކީވިލާތުން އެމެރިކާދެކެ ބިރު ނުގަންނަ ކަމަށް އެގައުމުގެ ރައީސް ތޮއްޔިބް އުރުދުއާން ވަނީ ވިދާޅުވެފައެވެ.
ރަޝިއާއަށް ވަޑައިގެން އުޅުއްވާ ތުރުކީގެ ހާރިޖީ ވަޒީރު މައުލެދް ކާވްސް އޮގްލޯ ވިދާޅުވީ އެމެރިކާއިން އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅަކަށް ތުރުކީން ޖެހިލުން ނުވާ ކަމަށާއި، ތުރުކީއަށް މުހިންމީ އެގައުމުގެ އަމިއްލަ މިނިވަންކަމާއި ގައުމީ މަސްލަހަތު ކަމަށެވެ.
މީގެއިތުރުން ކާވްސް ވިދާޅުވީ ހަތިޔާރު ގަތުމާއި އަސްކަރީ ކަންކަމުގައި ތުރުކީން ވަކި ގައުމަކާއި ގުޅުން ބަދަހި ނުކުރާނެ ކަމަށާއި، އެމެރިކާގެ ހަތިޔާރަށްވުރެ ރަޝިއާގެ ހަތިޔާރު ރަނގަޅުނަމަ ތުރުކީން ގަންނާނީ އެގައުމުގެ ހަތިޔާރު ކަމަށެވެ. އަދި މިކަމުގައި އެމެރިކާއިން ތުރުކީއާއި ދެކޮޅަށް ފިޔަވަޅު އެޅިކަމުގައި ވިޔަސް އެކަމާއި ފަރުވާލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކާވްސް ވިދާޅުވީ ތުރުކީން މިހާރުވެސް ބޭނުން ކުރަމުން އަންނަ ހަތިޔާރުގެ 70 އިންސައްތަ ހަތިޔާރަކީ އެގައުމުގެ އަމިއްލަ އުފެއްދުންތައް ކަމަށާއި، އެކަން އެގޮތުގައި ދެމި އޮންނަން ބޭނުންވާ ކަމަށެވެ.
ކާވްސް މިހެން ވިދާޅުވިއިރު އެމެރިކާއިން ވަނީ ތުރުކީއާއި ދެކޮޅަށް މިމަހުގެ ކުރީ ކޮޅު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ތުރުކީއާއި ދެކޮޅަށް ފިޔަވަޅު އެޅީ، ތުރުކީން ކުރިން އެމެރިކާއިން ގަންނަމުން އައި ހަތިޔާރު ގަތުން ހުއްޓާލުމާއި ގުޅިގެންނެވެ.