Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 20:10
ފުލުހުން ހިފެހެއްޓި މައިކް
ފުލުހުން ހިފެހެއްޓި މައިކް
ރާއްޖެއެމްވީ
ރާއްޖެޓީވީގެ މައިކް
ނުވަ ދުވަސް ފަހުން ރާއްޖެ ޓީވީގެ މައިކް ދޫކޮށްލައިފި
މައިކު ދޫކޮށްލާފައިވަނީ މައިކު ދޫކޮށްލުމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވާފައިވާތާ އެއް ހަފްތާ ފަހުން

މިމަހުގެ 18 ވަނަ ދުވަހު ފުލުހުން އަތުލާފައިވާ ރާއްޖެޓީވީގެ މައިކް ދޫކޮށްލައިފިއެވެ.

ރާއްޖެޓީވީގެ މައިކު ދޫކޮށްލާފައި ވަނީ މައިކު ދޫކޮށްލުމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވާފައިވާތާ އެއް ހަފްތާ ފަހުންނެވެ. އަދި އެ ސިޓީ އަށް ފަހު ވެސް މައިކް ދޫކޮށްލާފައި ނުވާތީ ބުރާސްފަތި ދުވަހު (މިއަދު) ވެސް އިތުރު ސިޓީއެއް ފޮނުވާފައި ވެއެވެ.

ފުލުހުން ރާއްޖެ ޓީވީގެ މައިކް ގެންދިޔައީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީސް ކުރިމަތީގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތް ހުއްޓުވުމުގެ ތެރޭގައެވެ. މައިކް ގެންގޮސްފައި ވަނީ އެ އިވެންޓް ލައިވްކުރަމުން ގެންދަނިކޮށެވެ. 

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ސޮއިކުރައްވައި  މިދިޔަ ހަފްތާގެ ބުދަ ދުވަހު ފޮނުވި ސިޓީގައި ވަނީ ރާއްޖެޓީވީގެ މައިކް ގެންދިޔައީ ނަސޭހަތެއް، އިންޒާރެއް ދިނުމެއް ނެތި އަދި ކޯޓް އަމުރެއް ވެސް ނެތި ކަމަށެވެ.

އެމްޑީޕީން އެރޭ ބޭއްވި ކެމްޕެއިން ހަރަކާތް ފުލުހުން ހުއްޓުވި އިރު ހަމައެރޭ މާވެޔޮމަގު ބަންދުކޮށްގެން ސަރުކާރު ހިންގާ ޕީޕީއެމުން ވެސް ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވެއެވެ. 

"މި ސްޓޭޝަނަކީ ސަރުކާރުން ކުރަމުންދާ ބޭއިންސާފު ޖޫރިމަނާތަކާއި އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ވަރަށް ނިކަމެތިވެ، މާލީ ދަތިކަމާއި، އިކިއުޕްމެންޓްގެ ފަގީރުކަން ތަހައްމަލުކުރަންޖެހިފައިވާ ސްޓޭޝަނެކެވެ،" ރާއްޖެޓީވީން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައިވެ އެވެ.

ރާއްޖެޓީވީގެ މައިކު ނެތުމުގެ ސަބަބުން ވަނީ ދުވަހުން ދުވަހަށް ސްޓޭޝަނުން ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫ އަރައި، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބާއްވާ އިވެންޓްތަކަށް ގެނެސްދިނުމަށް ހުރަސްއެޅި، މާލީ ގޮތުން އުފުލައި ނުގަނެވޭވަރުގެ ގެއްލުންތައް ވެފައި ކަމަށް ފިޔާޒު ވަނީ ވިދާޅުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް