ޗައިނާގެ ސިނޮފަރމް ކުންފުނިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން 79 އިންސައްތަ ކާމިޔާބުކަމަށް ޓެސްޓުތަކުން ދައްކައިފިއެވެ.
ސިނޮފަރމް އިން ވަނީ އެކުންފުނީގެ ވެކްސިން ޗައިނާގެ އާންމު ރައްޔިތުންނަށް ދިނުމަށް ހުއްދަ ހޯދުމަށް މިހާރު އެދިފައެވެ. މި ވެކްސިނަށް ހުއްދަ ދީފި ނަަމަ ސިނޮފަރމްގެ ވެކްސިން ވެގެންދާނީ ޗައިނާގެ ވެކްސިންތަކުގެ ތެރެއިން އާންމުންނަށް ބޭނުން ކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ލިބުނު ވެކްސިނަށެވެ.
ސިނޮފަރމް އިން އެކުންފުނީގެ ވެކްސިން 79 އިންސައްތަ ކާމިޔާބުކަމަށް ބުނެފައިވާއިރު، ޔޫއޭއީގައި ކުރިއަށް ގެންދިޔަ ފޭސް ތިނެއްގެ ކްލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާ ދައްކާގޮތުން މި ވެކްސިނަކީ 86 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.
ސިނޮފަރމްގެ ތަރުޖަމާނަކު ވަނީ ޓެސްޓުތަކުގެ އިންޓަރިމް ނަތީޖާތައް ހާމަކުރާއިރު، ތަފާތުތަކެއް ހުރެދާނެ ކަމަށާއި އެންމެ ފަހުގެ ނަތީޖާ އަދި ހާމަކުރާނެ ކަމަށެވެ.
މީގެ ކުރިން ޗައިނާއިން ވަނީ ސިނޮފަރމްގެ ވެކްސިން ޖެހުމަށްފަހު ބޭރު ގައުމުތަކަށް ދަތުރުކުރި އެއްވެސް މީހަކަށް ވައިރަހުގެ އަސަރެއް ނުކުރާކަމަށް ބުނެފަ އެވެ. އަދި ސިނޮފާމްގެ ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ޗައިނާއިން ދީފައިވާ އިރު، އެގައުމުގެ ގިނަ ކުންފުނިތަކެއްގެ މުވައްޒަފުންނަށް ވަނީ ވެކްސިން ޖަހާފަ އެވެ.
ސިނޮފަރމްއިން ދެ ވެކްސިނެއްގެ މަސައްކަތް ކުރިއަށް ގެންދާއިރު، އެއީ ވޫހާން އިންސްޓިޓިއުޓް އޮފް ބަޔަލޮޖިކަލް ޕްރޮޑަކްޓްސް އަދި ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔަލޮޖިކަލް ޕްރޮޑަކްޓްސްއާ ގުޅިގެން އެކުންފުނިން އުފައްދާ ވެކްސިނެވެ.