ދޫނިދޫގައި ބަންދުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ގާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ފިޔަވައި އިތުރު ހެއްކެއް ގާސިމްއާ ދެކޮޅަށް ނެތްކަން ހާމަވެއްޖެއެވެ.
ގާސިމްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދޭން އުޅުނު ކަމުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ އެވެ.
އެ ތިން ދައުވާގެ ތެރެއިން ބުރާސްފަތި ދުވަހު ބޭއްވި ޝަރީޢަތުގައި ގާސިމް އިބްރާހީމްގެ ފަރާތުން ޖަވާބްދާރީވެފައި ވަނީ ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާއަށެވެ. އެ ދައުވާގައި ގާސިމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެއްކަކީ މ. ކުނޫޒްގައި ގާސިމް ދެއްކެވި ވާހަކައިގެ ވީޑިއޯއެވެ.
ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިވޭތޯ ނުވަތަ ހުށަހަޅާނަންތޯ ގާސިމްގެ ވަކީލުން ސުވާލު ކުރުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ގާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ދައުލަތުން ހުށަހަޅަން ބޭނުންވާ ހުރިހާ ހެއްކެއް ވެސް މިހާރު ޝަރީޢަތަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ގާސިމްގެ ވަކީލުން ޓީމުން ވަނީ ގާސިމް ޖަލްސާގައި ދެއްކެވި ވާހަކަތަކުގެ އޯޑިއޯ އެނަލިސިސް ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ވަކީލުން ބުނިގޮތުގައި އެ ރިޕޯޓް ހެދީ ގާސިމް ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައި ވަނިކޮށް ކޯޓު އަމުރެއް ދައްކައި، އެއާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމުގެ އިންޒާރު ދިނުމަށް ފަހުއެވެ. ކޯޓު އަމުރެއް އޮތަސް އަސާސީ ހައްގެއް ހަނި ކުރެވޭނީ ގާނޫނަކުން ކަމަށާއި އެފަދަ ގާނޫނެއް ނެތް ކަމަށް ވަކީލުން ވިދާޅުވިއެވެ..
އެ ރިޕޯޓް ހެދީ ކޯޓުގެ އަމުރެއްގެ ދަށުން ކަމަށް ވާތީ އޭގެ ސައްހަކަމާ މެދު އިތުރަށް ވާހަކަ ނުދައްކަން ފަނޑިޔާރުން އެންގެވި އެވެ. ކޯޓު އަމުރެއްގެ ދަށުން ކުރިކަމަކާ ގުޅޭގޮތުން އެ ކޯޓުގައި އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށާއި އެ އަމުރާ މެދު ހިތްހަމަ ނުޖެހޭ ނަމަ އިސްތިއުނާފް ކޯޓެއްގައި އެ ވާހަކަ ދައްކަން ފަނޑިޔާރުން އެންގެވި އެވެ.
ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ޖަވާބްދާރީ ވަމުން ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ، ރިޝްވަތު ދެއްވަން ގާސިމް އުޅުއްވި ކަމަށް ދައުލަތުން ބުނާއިރު އެ ރިޝްވަތު ދެއްވި ވަކި މީހެއް ނުވަތަ ބައެއް ދައުލަތުން ބުނެދޭން ޖެހޭ ކަމަށެވެ. އެގޮތުން ދައުލަތުން ގާސިމްގެ މައްޗަށްކުރާ ހުށަހެޅުމުގެ ދައުވާގައި ރިޝްވަތު ރައްދުވާ ފަރާތެއް ނޭނގޭ ކަމަށެވެ. އެގޮތުން އެއީ މަޖިލިސް މެންބަރެއް ނަމަ ކޮން މަޖިލިސް މެންބަރެއްކަން އެނގެން ޖެހޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ދައުލަތުން ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާކުރާއިރު ރިޝްވަތު ދިނުމުގެ ގޮތުން ގާސިމް ހުށަހެޅުއްވި މަންފާއަކީ ކޮބައިކަން ވެސް ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި އެއީ ގާނޫނީ ގޮތުން މަނާ މަންފާއެއްތޯ ވެސް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.
ހަމައެހެންމެ ރައްޔިތުންގެ މަޖިލޫީހުގެ އިންތިހާބުގައި ވާދަކުރުމަށް ދާއިރާގެ ޓިކެޓް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއްތޯ ވެސް ހިސާން ސުވާލު ކުރެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ލާން ބުނުމަކީ ނުފޫޒު ފޯރުވުމަށް ވަނީ ކިހިނެއްތޯ ވެސް ދައުލަތުން ސާފުކޮށްދޭން ޖެހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި، ވޯޓު ނުދޭން ބުނުމަކީ ކުށެއްތޯ ވެސް ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ސިޔާސީ ފިކުރުތަކަށް ތާއީދު ހޯދަން އެކި ވައުދުތައް ވުމަކީ ރާއްޖޭގައި އާންމުކޮށް ކުރަމުންދާ ކަމެއް ކަމަށާއި އެގޮތުން "ބެޔަސް ނުބެޔަސް" އާއި "ހުސްނުވާ އާސަންދަ" ފަދަ ވާހަކަތަކަކީ ވެސް އޭގެ މިސާލެއް ކަމަށް ހިސާން ވިދާޅުވިއެވެ. އެހެން ކަމުން އެއީ ކުށެއް ނޫން ކަމަށާއި އެކަން ކުށެއް ކަމަށް ބަލާ ނަމަ ރާއްޖޭގައި އެއްވެސް ސިޔާސީ ފިކުރަކަށް ތާއީދު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން އޭނާ ވިދާޅުވި އެވެ
ހިސާން ވިދާޅުވީ ގާސިމް ދެއްކެވި ވާހަކަތަކަކީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކައެއް ކަމަށާއި ފިކުރަށް ތާއީދު ހޯދުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގާނޫނު އަސާސީން ވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ.
ގާސިމްގެ ވަކީލް ހިސާން ވިދާޅުވި ގޮތުގައި ގާސިމް ދެއްކެވި ވާހަކަތަކަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ދެއްކެވި ވާހަކަތަކެކެވެ. އެހެންވެ، އެކަމާ ގުޅިގެން ދައުވާކުރާ ނަމަ ކުރަންޖެހޭނީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކަމަށާއި ސަބަބަކީ ޚިޔާލުފާޅު ކުރުން ހަނިކުރާ ގާނޫނަކީ އެއީ ކަމަށްވާތީ ކަމަށް ހިސާން ވިދާޅުވި އެވެ.
ދިފާއުން ދެއްކި ވާހަކަތަކަށް ރައްދު ދިނުމަށް ދައުލަތަށް ފުރުސަތު ދިނުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ގާސިމް ވާހަކަ ދައްކަވާފައިވާކަމަށް ދިފާއުން އިންކާރު ނުކުރާ ކަމަށާއި ވާހަކަ ދައްކާފައިވަނީ ލީޑަރުގެ ހައިސިއްޔަތުން ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ގާސިމްގެ މައްޗަށް ކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ ކަމަށާއި ރިޝްވަތު ދިން ދައުވާ ނޫން ކަމަށެވެ. އެހެންކަމުން ރިޝްވަތު ދިން ވަކި ބައެއް އެނގެން ނުޖެހޭ ކަމަށެވެ. ނަމަވެސް ރިޝްވަތު ހުށަހެޅީ މަޖިލިސް މެންބަރުންނަށްކަން އެނގޭ ކަމަށެވެ. އެއީ އެ ވޯޓަކީ ހަމައެކަނި މަޖިލިސް މެންބަރުންނަށް ބައިވެރިވެވޭނެ ވޯޓަކަށްވާތީ ކަމަށެވެ.
އަޑުއެހުން ނިންމާލުމުގެ ކުރިން ފަނޑިޔާރުންގެ ބެންޗުން ގާސިމްގެ ވަކީލުންނަށް އެންގެވީ މެމްބަރުންނަށް ޓިކެޓް ދިނުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ނިންމާފައިވާ ނިންމުމުގެ ކޮޕީއެއް ހުށަހަޅަން އަންގަވައިފަ އެވެ. ގާސިމް ދެއްކެވި ފަދަ ވާހަކަތައް އެހެން ސިޔާސީ ފަރާތްތަކުން ވެސް ދައްކާފައިވާ ކަމަށް ވަކީލުން ބުނާތީ އެކަމުގެ ހެއްކާއި އެހެން ގައުމުތަކުގައި އެފަދަ ވާހަކަތަކަކީ ހުއްދަ ވާހަކަތަކެއް ކަމަށް އޮންނަ ނަމަ އެކަމުގެ ހެކި ވެސް ހުށަހަޅަން ފަނޑިޔާރުން އެންގެވި އެވެ. އަދި ދެން މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ ތިނެއް ނުވަތަ ހަތަރު ވަނަ ދުވަހު ކަމަށާއި ސީދާ ތާރީހެއް ކޯޓުން އަންގާނެ ކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.