ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ މަޝްހޫރު "ރޮލެކްސް" ގަޑި އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އައު ވާހަކައެއް ނޫނެވެ. ޚުދު ނިހާނުވެސް ސިޔާސީ ޕޯޑިއަމްތަކުގައި އަމިއްލައަށް ރޮލެކްސް ގަޑިއާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ. އެއީ އެއްވެސް ކަހަލަ ކަޅު ފައިސާއަކާ ގުޅުމެއްއޮތް ގަޑިއެއް ނޫންކަންވެސް ސާބިތު ކޮށްދިނުމަށް ލައްކަ ވާހަކަ ދައްކަވައި އުޅުއްވި ތަން ފެނުނު ހަނދާން ވެއެވެ. އެކަމަކު އޭރުވެސް އެ ގަޑިއާ ބެހޭ ގޮތުން ގިނަ ބަޔަކު ބަލަމުން ދިޔައީ ތުހުމަތުގެ ނަޒަރަކުންނެވެ.
ނިހާނުގެ މި އަގުބޮޑު ގަޑި އައި ގޮތާ ގުޅޭގޮތުން އާންމު ރައްޔިތުންވެސް އޭރު ކުރަމުންދިޔަ ސުވާލުތައް މަދެއް ނޫނެވެ. މުސާރައާއި ނުބައްދަލު އެތައް މުއްސަނދިކަމެއް އޭރު ފެންނަމުން ދިޔައިރު، ރައްޔިތުންވެސް ތިބީ އާޝޯހުވެފައި އެ މަންޒަރުތައް ބަލާށެވެ. އޭރު ރައްޔިތުން ކުރަމުން ދިޔަ ސުވާލުތަކާއި އުފެދެމުން ދިޔަ ތުހުމަތުތަކަށް ނިހާނު ދެއްވި ޖަވާބަކީ، "ގަޑި ހޯދި ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކިޔައިދޭނަން، މައްސަލަ ހުށަހަޅާފައި އަންގާލާ،" މިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޅިޔަނެއް މެދުވެރިކޮށް ނިހާނަށް މި ގަޑި ދިނީ ކުރީގެ ނައިބްރައީސް އަހުމަދު އަދީބުކަމަށް އޭރު ތުންތުން މަތިން އަޑުއިވެއެވެ. ނަމަވެސް އެ ގަޑިއާއި، އަދީބާ އެއްވެސް ގުޅުމެއް އޮތް ކަމަށް ނިހާނު ގެންދެވީ ފާޅުގައި އިންކާރު ކުރައްވަމުންނެވެ. 11،000 ޑޮލަރު ނުވަތަ އޭރު ގާތްގަނޑަކަށް 169،620 ރުފިޔާގެ އަގު ހުންނަ މި ވަރުގަދަ ގަޑިއާ ގުޅޭގޮތުން އެންމެންވެސް ޝައުޤުވެރިވީ ތިޔަ ހެނެއް ނޫނެވެ.
ކޮންމެއަކަސް، ނިހާނުގެ އަގުބޮޑު ގަޑީގެ ކަށި އެންމެ ފަހުން ގޮސް މި ހުއްޓުނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ދޮރުމަތީގައެވެ. މާޒީގައިވެސް އަދި މިހާރުވެސް މެއެވެ.
ޙަޤީޤަތުގައި އެ ރޮލެކްސް ގަޑިއަކީ 2014 ވަނަ އަހަރު އޭރު އައު ޕީޖީއަކު އައްޔަނު ކުރުމަށް މަޖިލީހުގެ ތެރެއިން "ޖެހި ސަކަރާތްގަނޑުގެ" އިނާމެއްގެ ގޮތުން ނިހާނަށް އަދީބުގެ ފަރާތުން ދިން ހަދިޔާއެއްކަން އެންމެ ފަހުން މިވަނީ ހާމަވެފައެވެ. އަންގާރަ ދުވަހު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންނާއި އޭސިސީގެ އިތުރުން، އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގި ތަހުޤީޤަކަށްފަހު، ތަހުޤީޤުގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް ނިހާނަށް ދައުވާ އުފުއްލަވަން މިހާރުގެ ޕީޖީ ނިންމެވި ސަބަބުތައް ތަފްސީލާއެކު ބުނެދީފައެވެ. ރޮލެކްސް ގަޑީގެ ވާހަކަތައްވެސް އިތުރަށް ތިލަވެގެން އެ ދިޔައީ މިހިސާބުންނެވެ.
ތަހުޤީޤުގެ އަލީގައި ޕީޖީ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި ރޮލެކްސް ގަޑިއަކީ އޭރު އައު ޕީޖީއެއް އައްޔަނު ކުރުމަށާއި، އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން އޭގެ ބަދަލެއްގެ ގޮތުން ދިނުމަށް ނިހާނުގެ ކިބައިން އެދިވަޑައިގަތް "ހަދިޔާ" އެކެވެ. މި ހަދިޔާ ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބުގެ ކިބައިން އެދިވަޑައިގެންފައިވާތީ ނިހާނުގެ މައްޗަށް ވަނީ ރިޝްވަތު ދިނުމަށް އެދުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އަދި ރައީސް ޔާމީނުގެ ޅިޔަނު މެދުވެރިކޮށް އަދީބު އެ ގަޑި ދެއްވުމުން، އެ ބަލައިގެންފައިވާތީ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާވެސް ވަނީ އުފުލާފައެވެ.
ނިހާނާ ގުޅިގެން ދެކެވެނީ ހަމައެކަނި އަގުބޮޑު ގަޑިއެއްގެ ވާހަކައެއްވެސް ނޫނެވެ. ނިހާނުގެ އަގުބޮޑު ފްލެޓުތަކުގެ ވާހަކައަކީވެސް ތުންތުން މަތިން ދެކެވެމުން އައިސް، އެންމެންގެ ސަމާލުކަން ދަމައިގަތް ވާހަކައެކެވެ. ނިހާނުގެ މައްޗަށް ޕީޖީ އޮފީހުން އުފުލި ދައުވާތަކުގެ ތެރެއިން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއަކާއި، މަނީލޯންޑަރިން ގެ ދައުވާއެއް ގޮސް ގުޅެނީ މި ދެންނެވި އަގުބޮޑު ފްލެޓާއެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ނިހާނު ވަނީ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރި ވެގެން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުގެ -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއްވެސް ލިބިވަޑައިގެންފައެވެ. އަދި ނިހާނަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ ހައިސިއްޔަތުން، އެ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެންޖެހޭ ޙާލަތުގައި އަދީބު މެދުވެރިވެގެން އެ ޗެކް ލިބިގަނެ، ޗެކަށް ވާ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވެއެވެ.
އެހެންކަމުން ޙަޤީޤަތުގައި ރޮލެކްސް ގަޑިއާއި، ބައްލަވައިގަތް އަގުބޮޑު ފްލެޓަކީ މަޖިލީހުގެ ތެރެއިން ކުޅެލި ސިޔާސީ ކުޅިއެއްގެ ބަދަލުގައި ނިހާނަށް ތަބަކަކަށް ލާފައި ދީފައިވާ ހަދިޔާތަކެއްކަން މިވަނީ ހާމަވެފައެވެ. އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ ތަޙުޤީޤު ތެރެއިން ހާމަވި މި މައްސަލަތަކުގައި ދެން އޮތީ ޝަރީއަތުގެ މަރުޙަލާއަކުން އެކަންކަން ސާބިތު ކުރުމެވެ.
ރޮލެކްސް ގަޑީގެ ވާހަކައަކީ ހަމަ އެންމެ ވާހަކައެކެވެ. އޭރުގެ މެމްބަރުންނަކީ ފައިސާގެ މަތީގައި އުދުހުނު ބަޔެއްކަން އެންމެވެސް ދަންނަ ބައެކެވެ. އަދި އަންނަން ހުރި ވާހަކަތައް ހުރީއެވެ. ބިތުފަންގި ނެގި ވަރަކަށް ކެޔޮކޭވަރު އެނގޭނެތާއެވެ.