ސައުދި އަރަބިއްޔާގައި އަންހެނުންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އައި މަޝްހޫރު އެކްޓިވިސްޓް ލުޖެއިން އަލް ހަތުލޫލް ފަސް އަހަރާއި އަށް މަހަށް ޖަލަށް ލާން އެގައުމުގެ ދަށު ކޯޓުން ހުކުމް ކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލުޖެއިންއަށް ޖަލު ހުކުމެއް ކޮށްފައިވަނީ ޓެރަރިޒަމް މައްސަލަތައް ބަލާ ސްޕެޝަލައިޒްޑް ކްރިމިނަލް ކޯޓުންނެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކަކީ ގައުމީ ސަލާމަތައް ނުރައްކާވާފަދަ އަމަލު ކުރުމާއި، ބޭރުގެ އެޖެންޑާތައް ކުރިއަރުވަން މަސައްކަތް ކުރިކަމުގެ ދައުވާއެވެ.
ސައުދީގެ ފުލުހުން ލުޖެއިން ހައްޔަރު ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އަންގާރަ ދުވަހު ކޯޓުން ކުރި ހުކުމުގައި ބުނީ 2018 ވަނަ އަހަރުން ފެށިގެން ލުޖެއިން ޖަލުގައި ބަންދުކޮށްފައި ހުރުމުން އޭނާއަށް ކުރި ފަސް އަހަރުގެ ހުކުމް ހިނގާނީ ބަންދުގައި ހުރި މުއްދަތު އުނި ކުރުމަށްފަހު ކަމަށެވެ.
ލުޖެއިން ވަނީ ސައުދީއިން ނިގުޅައިގަނެފައިވާ އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ފާޅުގައި ޝުއޫރުފާޅު ކޮށްފައެވެ. އެގޮތުން އަންހެނުން ކާރު ދުއްވުމުގެ ހުއްދަ ދިނުމަށާއި، މޭލް ގާޑިއަންޝިޕް ގާނޫނުތައް އުވާލުމަށް އޭނާ ވަނީ ގޮވާލާފައެވެ. ލުޖެއިން ހައްޔަރު ކޮށްފައިވަނީ ސައުދީ ސަރުކާރުން އަންހެނުން ކާރު ދުއްވަން ހުއްދަ ދިނުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
ސައުދީ ސަރުކާރުން އަންހެނުން ކާރު ދުއްވުމުގެ ހުއްދަ ދިނުމުގެ ކުރިން ވަނީ އެގައުމުގައި އަންހެނުންގެ ހައްގުތައް ހޯދުމަށް ގޮވާލި އެކްޓިވިސްޓުންތަކެއް ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައިވީ ނަމަވެސް އެ ހުރިހާ އެކްޓިވިސްޓުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިކަމާއި ގުޅިގެން ސައުދީގެ ސަރުކާރަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.