ރަޝިޔާގައި ކޮވިޑް-19 ޖެހިގެން މަރުވެގެން ރިޕޯޓްކުރަމުންދާ އަދަދުތަކުގައި އޮޅުވާލުންތަކެއް އުޅޭކަން ހާމަވެއްޖެއެވެ.
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވަނީ މިމަހުގެ ކުރީކޮޅު އެގައުމުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގައި ޔޫރަޕްގެ ގައުމުތަކަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.
ކޮވިޑް-19 ރަޝިޔާގައި ފެތުރެން ފެށުނީއްސުރެވެސް އެގައުމަކީ ވައިރަސް ޖެހިގެން ރިޕޯޓްކުރަމުންދާ ނިސްބަތަށް ބަލާއިރު މަރުވާ މީހުންގެ އަދަދު މަދު ގައުމެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. އެއާއެކު ކަމާބެހޭ މާހިރުންނާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ސައިންޓިސްޓުންވެސް އަންނަނީ މަރުވެގެން ރަޝިޔާއިން ހާމަކުރަމުންދާ އަދަދުތަކާމެދު ސުވާލު އުފައްދަމުންނެވެ.
ހޯމަ ދުވަހު ރަޝިޔާގެ އޮފިޝަލުން ވަނީ އެއީ އަސްލު އަދަދުތަކެއް ނޫން ކަމަށް ހާމަކޮށްފައެވެ.
ރަޝިޔާގެ ސްޓެޓިސްޓިކްސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރ މަހާ ހަމައަށް މަރުވި މީހުންގެ އަދަދުވަނީ އޭގެކުރީ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 229،700 އިތުރުވެފައެވެ.
މިމުއްދަތުގައި މަރުވި މީހުންގެ ތެރެއިން 81 އިންސައްތައަށް ވުރެ ގިނަ މީހުން މަރުވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމަށް އެގައުމުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އޭގެ މާނައަކީ މިއަހަރު ރަޝިޔާއިން ކޮވިޑް ޖެހިގެން 186،000 މީހުން ވަނީ މިހާތަނަށް އައިއިރު މަރުވެފައެވެ.
ޑާޓާ ތަކުން ދައްކާގޮތުގައި މިއަހަރުގެ ނޮވެމްބަރ މަހު މަރުވި މީހުންގެ އަދަދު ވަނީ އެހެން އެއްވެސް މަހެއްގައި މީހުން މަރުވެފައިވާ އަދަދުތަކަށްވުރެ އިތުރުވެފައެވެ.
މިއަހަރު އެގައުމުގައި މަރުވި މީހުންނާއި އޭގެކުރީ އަހަރުތަކުގައި މީހުން މަރުވެފައިވާ އަދަދުތަކަކީ މިހާހިސާބަށް އައިއިރު އެގައުމުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ހޯދުމުގައި ބަރޯސާވެވޭނެ އެންމެ ޞައްހަ ޑާޓާތައް ކަމަށް މާހިރުން ދެކެއެވެ.
ރަޝިޔާގައި ވަނީ މިހާތަނަށް އައިއިރު 3 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައެވެ. އެގައުމުގައި މަރުވެގެން ރިޕޯޓްކޮށްފައިވަނީ 55،265 މީހުންނެވެ.
އެހެންނަމަވެސް އެގައުމުގެ ސްޓެޓިސްޓިކްސް އިން މިހާމަކުރި އަދަދުތަކާއެކު ރަޝިޔާއަކީ އެމެރިކާ އާއި ބްރެޒިލް ނެގުމަށްފަހު ދެން އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމަށް މިވަނީ ވެފައެވެ.
ރަޝިޔާއަށް މިހާރު ކޮވިޑްގެ ދެ ވަނަ ވޭވެއް އައިސްފައިވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ލޮކްޑައުން އަކަށް ދިޔުމަށް ސަރުކާރުން އަންނަނީ ޖެހިލުންވަމުންނެވެ. އެއީ ލޮކްޑައުންގެ ސަބަބުން އެގައުމުގެ އިގްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީއެވެ.
އެގައުމުގެ ސަރުކާރުން ލަފާކުރާ ގޮތުގައި މިއަހަރު އެގައުމުގެ އިގްތިޞާދު ކުރީ އަހަރާ އަޅާބަލާއިރު 3.9 އިންސައްތަ ދަށަށްދާނެއެވެ. އެހެންނަމަވެސް އެގައުމުގެ މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި އެއަށްވުރެ ބޮޑަށް މިއަހަރު އެގައުމުގެ އިގްތިޞާދު ދަށަށްދާނެއެވެ.
ރަޝިޔާއިން އަންނަނީ އެގައުމުން ކޮވިޑަށް އުފެއްދި ވެކްސިން ޖަހަމުންނެވެ. މިމަހުގެ ކުރީކޮޅު ވެކްސިން ދޭނެ ޕްރޮގްރާމް ހާމަކޮށްފައިވާއިރު އެންމެ ފުރަތަމަ ވެކްސިންދޭނީ ހައި ރިސްކު ކެޓަގަރީގައި ތިބި މީހުންނަށް ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އެއީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން އެހެން ބޮޑު ބައްޔެއް ނެތް މީހުންނަށެވެ. އެންމެ ފަހުން ވަނީ 60 އަހަރުން މަތީ މީހުންނަށްވެސް ވެކްސިންދޭނެކަމަށް ބުނެފައެވެ.
ރަޝިޔާއިން މިހާތަނަށް އެގައުމުގައި ވެކްސިން ދީފައިވާ މީހުންގެ އަދަދު ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ރަޝިޔާގައި ނަގާފައިވާ ސަރވޭއަކުން ދައްކާގޮތުގައި ވެކްސިން ޖަހަން ބޭނުންވަނީ އެގައުމުގެ 38 އިންސައްތަ މީހުންނެވެ.