ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 18:35
ނ. އަތޮޅާއި ޅ. އަތޮޅަށް ފުރާ އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން
ނ. އަތޮޅާއި ޅ. އަތޮޅަށް ފުރާ އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން
ރާއްޖެ އެމްވީ
އެމްޑީޕީ ކެމްޕެއިން
ނ. އަތޮޅާއި ޅ. އަތޮޅަށް މިހަފްތާ ބަންދުގައި އެމްޑީޕީން ގިނަ ކެމްޕެއިން ހަރަކާތްތަކެއް ހިންގަނީ
މިއީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކެއް

އަންނަ މެއި މަހުގެ ހަ ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި އިދިކޮޅު އެމްޑީޕީން ނ. އަތޮޅާއި ޅ. އަތޮޅުގައި ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާ ދަތުރަށް ފުރައިފި އެވެ.

އެމްޑީޕީން މި ހަފްތާ ބަންދުގައި ނ. އަތޮޅާއި ޅ. އަތޮޅުގެ ރަށްރަށުގައި ކެމްޕެއިން ހިންގުމަށް ދަތުރު ފަށާފައިވާއިރު މާލެއިން ކެނދިކުޅުދޫއަށް ދިއުމަށް ފުރާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ހަތެއް ޖަހާކަންހާއިރު އެވެ. މިދަތުރުގައި އެމްޑީޕީ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އެމްޑީޕީން މައުލޫމާތު ދޭގޮތުގައި މިވަގުތު މިދަތުރުގެ ކަންކަން ހަމަޖެހިފައިވާ ގޮތުން ކެނދިކުޅުދޫ އިން ބުރާސްފަތި ދުވަހުގެ މެންދުރު މާޅެންދޫއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މާޅެންދޫއިން ކުޑަފަރީއަށް ދިއުމަށް ފަހު، ކުޑަފަރީން ނިލަދޫއަށް ދިއުމަށްވަނީ ހަމަޖެހިފަ އެވެ. ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިއްމު ހަރަކާތަކަކީ ޖަލްސާއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ކެމްޕެއިން ޖަލްސާ އޮތީ މިލަދޫގައެވެ.

ހުކުރު ދުވަހުގެ ހެނދުނު މިލަދޫން ލަންދޫއަށް ދިއުމަށް ހަމަޖެހިފައިވާއިރު، ލަންދޫއިން މާފަރަށް ފުރުން އޮތީ މެންދުރު އެވެ.  ހުކުރު ދުވަހުގެ ހަވީރު މާފަރުން މަނަދޫއަށް ގޮސް، ހުކުރު ދުވަހުގެ ރޭ ހިންނަވަރަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ހުކުރު ދުވަހުގެ ރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހިންނަވަރުގަ އެވެ.

ހޮނިހިރު ދުވަހު ހެނދުނު ހިންނަވަރުން ނ. މަގޫދޫއަށް ދިއުމަށް ފަހު، މެންދުރު ނ. ޅޮއްސަށް ދިއުމަށްވަނީ ހަމަޖެހިފައެވެ. ޅޮހީން ހޮޅުދޫއަށް ދިއުމަށް ފަހު، ނ. ވެލިދޫއަށް ދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ އޮންނާނީ ވެލިދޫގައެވެ.

އެމްޑީޕީން މިހަފްތާގައި ކުރާ ކެމްޕެއިން މިދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ހުރިހާ ރަށެއްގައި ވެސް ރައްޔިތުންނާ ބައްދަލުކޮށް އަދި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓުންނާއެކު ދޮރުން ދޮރަށް ހިނގުން ފަދަ ހަރަކާތްތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ކެންޑިޑޭޓުންގެ ޕޯސްޓަރު ހިއްޕުމާއި މަޝްވަރާ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

- ކޮމެންޓް